26 Mar 2015, 15:24
ޔަމަނުގެ ޓެރަރިސްޓް ޖަމައާތެއް ކަމަށްވާ ހޫތީންނާ ހަނގުރާމަ ކުރައްވައި ބަލިވެވަޑައިގެންފައިވާ އެ ގައުމުގެ ރައީސް އަބުދުއް ރައްބު މަންސޫރު ހާދީ އެ ގައުމު ދޫކުރައްވައި ފިއްލަވައިފި އެވެ.
ހޫތީ ޓެރަރިސްޓުން ޔަމަނުގެ ވެރިރަށް ސަންއާ ހިފުމުން ހާދީ ފިއްލަވައިގެން އުޅުއްވީ އަދަނުގައެވެ. އަދި އެ މީހުން އަދަނަށް ހަމަލާދީ އެ ރަށުގެ އެއާޕޯޓް ހިފުމުން ހާދީ ފިއްލެވީ ކަނޑުމަގުންނެވެ.
ހާދީ ފިއްލަވާފައި ވަނީ ސައުދީ އަރަބިއްޔާއާއި ބައެއް އެހެން ގައުމުތަކުން ހަމަލާ ދޭން ފަށާފައި ވަނިކޮށެވެ. ޔަމަނުގެ ބާޣީންނާ ދެކޮޅަށް ވައިގެ ހަމަލާތައް ފެށިކަން އެމެރިކާގައި ހުންނަވާ ސައުދީ ސަފީރު އާދިލް އަލް ޖުބައިރު ވަނީ ހާމަ ކުރައްވާފައެވެ. ނަމަވެސް އެކަމުގައި އެމެރިކާގެ ޖާސޫސީ އެހީތެރިކަން ލިބޭކަން ނުވަތަ ނޫންކަން އޭނާ ހާމަ އެއް ނުކުރައްވައެވެ.
ސައުދީ އަރަބިއްޔާއާއި ގަލްފުގެ އެހެން ގައުމުތަކުން ވެސް ގަބޫލުކުރަނީ ހޫތީންގެ ނަމުގައި ޔަމަނު ހަލާކުރަމުންދާ ޝިޔައީ ޖަމާއަތަކީ އީރާނުގެ މަދަދާއެކު ހަރަކާތްތެރިވާ ބައެއް ކަމަށެވެ.