ސައުދީ އަރަބިޔާ އާއި ގަލްފުގެ ބައެއް އަރަބި ގައުމުތައް ގުޅިގެން ޔަމަނަށް ބޮން އަޅަން ފެށުމުން ބައިނަލް އަގުވާމީ ބާޒާރުގައި ތެލު އަގު ބޮޑުވަމުންދާ ކަމަށް ބިޒްނަސް އިންސައިޑާ އިން ބުނެފިއެވެ.

މި ގޮތުން ނިއުޔޯކު ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާ އެއް ވިއްކަން ހުރީ 51 ޑޮލަރެށެވެ. މިއީ ގާތްގަނޑަކަށް 4 ޕަސެންޓްގެ ބޮޑުވުމެކެވެ.

ތެލުގެ އަގު ބޮޑުވެފައި މިވަނީ ސައުދި އަރަބިޔާ އިސްވެ އޮވެ ޔަމަނަށް ހަމަލަދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ގަލްފު ކޯޕަރޭޝަން ކައުންސިލްގައި ހިމެނޭ ސައޫދީ އަރަބިޔާ، ގަތަރު، ބަޙްރައިން އަދި ކުވައިތުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި އެގައުމުތަކުން ޔަމަނަށް ވައިގެ ޙަމަލާތައް ދެމުން ގެންދަނީ ޔަމަންގެ ރައީސް އަބުދުއް ރައްބު މަންސޫރު ހާދީ ގެ އެދިވަޑައިގަތުމަކަށް ކަމަށް ބުނެފައިވެއެވެ.

އެ ހަމަލާތައް އަމާޒު ކުރަމުން ގެންދަނީ ޔަމަންގެ ވެރިކަމަށް އަތްގަދަ ކުރުމަށް މަސައްކަތްކުރާ ޙޫޘީ ޖަމާއަތުގެ ހަނގުރާމަވެރިންނަށާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހަށް ތާއީދުކުރާ ފަރާތްތަކުގެ އަމާޒުތަކަަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ތެލުގެ އަގު ބޮޑުވެފައި މިވަނީ މިދިޔަ ހަފްތާގައި ފާއިތުވި ހަ އަހަރުވެސް ތެޔޮ އަގުހެޔޮނުވާ މިންވަރެއް ކަމަށްވާ ފީފާ އެއް 43 ޑޮލަރަށް އަގުހެޔޮވެފައި ވަނިކޮށެވެ.