26 Mar 2015, 14:17
މިނިވަން 50 ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި "ރައިވެރިބޭގެ ޖިހާދުގެ ފެތުމުގައި" ބައިވެރިވުމަށް 1500 މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފި އެވެ.
ހޯމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ތަޒްމީލް އަބްދުއްސަމަދު މިއަދު "ސަން" އަށް ވިދާޅުވީ އެ ފެތުމަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ މޫދުގެ ހަރަކާތެއްގައި އެންމެ ގިނަ މީހުން ބައިވެރިވާ ހަރަކާތް ކަމަށެވެ.
"އާދެ މި މުބާރާތް ކުރިއަށްދާ ވަގުތު ވިލިމާލޭގައި ގައުމީ ލަވައިގެ ހަރަކާތް ކުރިއަށް ދާނެ. އަދި ފަތާ ނިމުމަށްފަހު މާލެއަށް އަރަން ހަމަޖެހިފައި އޮތް ސަރަހައްދަކީ ޝޯޝަލް ސެންޓަރާ ވީ ދިމާ. އެ ދިމާލުގައި ގައިމީ ކުލަތަކުން ވާނީ ޒީނަތްތެރި ކޮށްފައި. ދެން މި އިވެންޓު ކުރިއަށްދާނީ މާދާމާ 3:30 އިން ފެށިގެން 5:30 އާ ހަމައަށް،" ތަޒްމީލް ވިދާޅުވި އެވެ.
މާދަމާގެ ފެތުމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު އަމަލީ ގޮތުން ބައިވެރިވަޑައިގަންނަވާނެ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ އެ ހަރަކާތް ކުރިއަށް ގެންދާ ސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތް އެންވައިރަމަންޓް މިނިސްޓްރީން ގެންދަނީ ކުރަމުންނެވެ.
މިނިވަން 50 ފާހަގަ ކުރުމަށް މިހާތަނަށް ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ބޭއްވީ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުން ބައިވެރިވެގެން ކުރިއަށްގެން ދިޔަ ފަތިސް ނަމާދަށް ފަހު ދުއާ ކުރުމާއި ސަރިންދާ މިއުޒިކު ޝޯ އާއި އާޓު އެގްޒެބިޝަން އެކެވެ.