26 Mar 2015, 13:54
ވޮލީބޯޅަ އެސޯސިއޭޝަނުން ކުރިއަށް ގެންދާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ ސެމީން ބަލިވެ، އަމިކާ ސްޕޯޓްސް ކްލަބް މުބާރާތުން ކެޓިއިރު، ސްޕޯޓްސް ކްލަބް ގުޑީސްގެ މައްޗަށް ކުރި ހޯދާ، ޕޮލިސް ކްލަބް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.
އިއްޔެ ހަވީރު ކުޅުނު ފުރަތަމަ ސެމީގައި ބައްދަލުކުރީ ގްރޫޕް ސްޓޭޖުން މުބާރާތުގެ ދެ ގްރޫޕްގެ ދެވަނަ ހޯދި ދެ ޓީމް ކަމަށްވާ ކްލަބް ތްރީ ސްޓާ އާއި އަމިކާ ސްޕޯޓްސް ކްލަބެވެ. އެ މެޗު ކްލަބް ތްރީ ސްޓާ ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. އެ މެޗުން ބަލިވެ އަމިކާ މުބާރާތުން ކެޓިއިރު، ކްލަބް ތްރީ ސްޓާ ވަނީ ތިންވަނަ ސެމީން ޖާގަ ހޯދާފައެވެ.
ޕޮލިސް ކްލަބް މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރު ކުރީ އިއްޔެ ރޭ ސްޕޯޓްސް ކްލަބް ގުޑީސްއާ ދެކޮޅަށް ކުޅުނު ދެވަނަ ސެމީ 3-1 ސެޓުން ކާމިޔާބު ކޮށްގެނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ޕޮލިސް ކާމިޔާބު ކުރި ނަމަވެސް، ގްރޫޕް ސްޓެޖުގައި ދެވަނަ ގްރޫޕްގެ އެއްވަނަ ހޯދި ގުޑީސް ވަނީ ތިންވަނަ ސެޓު ގެންގޮސްފައެވެ. ޕޮލިސް މެޗު ކާމިޔާބުކުރީ ޖެހިގެން އައި ސެޓު ކަމިޔާބު ކޮށްގެނެވެ.
އެ މެޗުގައި ޕޮލިސް އަތުން ގުޑީސް ބަލިވި ނަމަވެސް، އެ ޓީމަށް އަދިވެސް މުބާރާތުގެ ފައިނަލަށް ދަތުރު ކުރުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން، މުބާރާތުގެ ތިންވަނަ ސެމީ ފައިނަލް މެޗުގައި މިރޭ ކްލަބް ތްރީ ސްޓާއާ ދެކޮޅަށް ވާދަކޮށް މޮޅުވެއްޖެ ނަމަ، ގުޑީސް މުބާރާތުގެ ފައިނަލަށް ދަތުރު ކުރާނެ އެވެ.
ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ 27 ވަ ހުކުރު ދުވަހުގެ ރޭ، ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.
މި މަހުގެ 20 ވަނަ ދުވަހު ފެށި ވީއޭއެމް ޕްރެޒިޑެންޓްސް ކަޕަކީ އަންހެން ވޮލީ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ވީއޭއެމުން ކުރިއަށް ގެންދާ މުބާރާތެކެވެ. މިދިޔަ އަހަރު މާލޭގެ އިތުރުން އެ މުބާރާތް ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ބާއްވާފައި ވާއިރު، މިހާރު ކުރިއަށްދާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް (މާލެ)ގައި މިފަހަރު މުޅިއަކު އަށް ޓީމު ވާދަކޮށްފައި ވެއެވެ.