26 Mar 2015, 13:59
ޔުނިވާސިޓީގެ ގާބިލުކަން އިތުރުކޮށް ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ސްރީލަންކާގެ ޕެރެދެނިޔާ ޔުނިވާސިޓީ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޔުނިވާސިޓީގެ އިދާރީ މަރުކަޒުގައި މިއަދު އޮތް ޚާއްސާ ރަސްމިއްޔާތެއްގައި ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ހަސަން ހަމީދު އެވެ. އަދި ޕެރަދެނިޔާ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޕްރޮފެސާ އަތީލާ ސެނެރަތުނާ އެވެ.
މައިގަނޑު 10 ކަމެއްގެ މައްޗަށް ސޮއިކުރެއްވި މި އެއްބަސްވުމާއެކު ދެ ޔުނިވާސިޓީގެ މެދުގައިސަގާފީ އަދި އިލްމީ މުއާމަލާތްތައް ބަދަލު ކުރެވޭނެ އެވެ. މީގެ އިތުރުން ދަރިވަރުންނާއި މުދައްރިސުން އަދި އިދާރީ މުވައްޒަފުން ހިމެނޭގޮތަށް އެކްޗޭންޖް ޕްރޮގްރާމްތަކެއް މި އެއްބަސްވުމާއެކު ފަށާނެއެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތައް ސޮއިކޮށްފައިވާ އެ އެއްބަސްވުމުގައި ދެ ޔުނިވާސިޓީ ގުޅިގެން މަންހަޖު ތަރައްގީ ކުރެވޭނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ވިދާޅުވީ މީގެ ކުރިންވެސް ދެ ޔުނިވާސިޓީގެ ދެމެދުގައި މުހިއްމު ހަރަކާތެއް ހިންގާފައިވާ ކަމަށެވެ. ރާއްޖޭގައި މެޑިކަލް ސްކޫލެއް ގާއިމް ކުރުމާ މެދު ދިރާސާ ކޮށްފައިވަނީ ވެސް އެ ޔުނިވާސިޓީގެ ދެ ޕްރޮފެސަރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއަދުގެ އެއްބަސްވުމާ ގުޅިގެން އެމްބީބީއެސްގެ މުގައްރަރު، ރާއްޖޭގެ މެޑިކަލް ކައުންސިލާއި ދައުލަތުގެ އެހެން ފަރާތްތައް ގަބޫލު ކުރާ ފެންވަރެއްގައި އެކުލަވާލެވިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.