20 Feb 2011, 14:50
ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވައި އެފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ބޮޑެތި ޖޫރިމަނާތައް ހިމަނައި ތިމާވެއްޓާ ބެހޭ ގަވައިދު އާންމުކޮށް އަމަލު ކުރަން ފަށައިފި އެވެ.
ތިމާވެއްޓަށް ދޭ ގެއްލުތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދު މައިގަނޑު ގޮތެއްގައި ބަހާލާފައި ވަނީ ދެ ބަޔަކަށެވެ. އެއީ ވެއްޓަށް ދޭ ގެއްލުމުން ދައްކަން ޖެހޭ ޖޫރިމަނާ އާއި އަދި ދިރޭތަކެއްޗަށް ގެއްލުން ދިނުމުން ދައްކަން ޖެހޭ ޖޫރިމަނާ އެވެ.
އެ ގަވާއިދުގައިވާ ގޮތުން ފަޅުކޮނުމާއި ތޮށިލުމާއި ބިން ހިއްކުން އަދި ނެރު ގޮއްވުން ފަދަ ކަންތައްތައް ބެލެވޭނީ ވެއްޓަށް ދޭ ގެއްލުންތަކުގެ ގޮތުގަ އެވެ. އެ ގޮތުން ވެއްޓަށް ދޭ ގެއްލުމުގެ ބޮޑު ކުޑަމިން ވަޒަން ކުރަނީ އެ ގެއްލުން ލިބުނު ސަރަހައްދެއްގެ ކޮޑި މީޓަރުންނާއި އަކަ މީޓަރަށް ބެލުމަށް ފަހުގަ އެވެ. އެއީ އަކަ މީޓަރުން ނަމަ ފަސް އަކަ މީޓަރަށް ގެއްލުން ލިބިފައިވާ ނަމަ ޖޫރިމަނާއެއްގެ ގޮތުގައި ނަގަނީ 55900ރ. އެވެ. އަދި ފަސް އަކަ މީޓަރަށް ވުރެ އިތުރަށް ގެއްލުންވާ ކޮންމެ އަކަ މީޓަރަކަށް 12600ރ. އިތުރަށް ދައްކަން ޖެހެ އެވެ.
އަދި ގެއްލުން ލިބުނު ސަރަހައްދަކީ ކޮޑި މީޓަރުން މިންކުރާ ތަނެއް ނަމަ ފަސް ކޮޑި މީޓަރަށް ގެއްލުން ލިބިފައިވާ ނަމަ ޖޫރިމަނާއެއްގެ ގޮތުގައި ނަގަނީ 83525 ރ. އެވެ. އަދި ފަސް ކޮޑި މީޓަރަށް ވުރެ އިތުރަށް ގެއްލުންވާ ކޮންމެ ކޮޑި މީޓަރަކަށް 1800ރ. އެވެ.
ގެއްލުންލިބޭ ދިރޭ ތަކެއްޗަށް ބަލާއިރު، ގެއްލުން ލިބުނީ އެންމެ އެއްޗަކަށް ނަމަ ޖޫރިމަނާގެ ގޮތުގައި 20000ރ. ދައްކަން ޖެހެ އެވެ. އަދި އިތުރުވާ ކޮންމެ އެއްޗަށް 25000ރ. ދައްކަން ޖެހެ އެވެ. އަދި ހިމާޔަތްކޮށްފައިވާ އެއްޗެއް ނަމަ ދައްކަން ޖެހެނީ ކަނޑައެޅިފައިވާ އަދަދުގެ އިތުރުން ކޮންމެ އެއްޗަކަށް އިތުރަށް 10000ރ. އެވެ.
ގަވާއިދު ބުނާ ގޮތުން އިހުމާލުވުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ބޮޑު ވެއްޖެ ނަމަ އެ އިހުމާލުވި މުއްދަތަށް ވެސް ޖޫރިމަނާ ކުރުމުގެ ބާރު ގާނޫނު ތަންފީޒް ކުރާ ފަރާތްތަކަށް ލިބިގެންވެ އެވެ. އެގޮތުން ތިމާވެއްޓަށް ގެއްލުމެއް ވާގޮތަށް އެއް މަސް ވަންދެން އަމަލުކޮށްފައިވާ ނަމަ ނަގަނީ 63750ރ. އެވެ. ދެ މަހުން ފެށިގެން ތިން މަހަށް 102000ރ. ނަގާއިރު ހަތަރު މަހާއި ހަމަހަށް ނަމަ އެއްލައްކަ ފަންސާސް ތިންހާސް ރުފިޔާ ނަގާނެ އެވެ.
މީގެއިތުރުން އިދާރީގޮތުން ކަމެއް ނުކޮށް ހުރުމުން ތިމާވެއްޓަށް ގެއްލުމެއް ލިބުމުންނާއި އަދި އެފަދަ ކަމެއް ރިޕޯޓް ކުރުން ލަސްކުރުން ނޫނީ ނާންގާ ހުރުމުގެ އަދަބަކީ 6370ރ. އާއި 191250ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
އެ ގަވާއިދުގެ ދަށުން ޖޫރިމަނާ ނުދައްކާ ފަރާތްތަކާމެދު ޝަރީއަތްކުރުމުގެ ބާރު އެންވަޔަރަންމަންޓަލް ޕްރޮޓެކްސަން އެޖެންސީއަށް ލިބިގެންވެ އެވެ.
އާ ގަވައިދަށް މިދިއަ ބުރާސްފަތި ދުވަހުން ފެށިގެން އެގަވާއިދަށް ވަނީ އަމަލުކުރަން ފައްޓަވާފަ އެވެ.