26 Mar 2015, 13:10
އެމްޑީޕީން ރޭ މާލޭގައި ކުރި މުޒާހަރާގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފާއި ރާއްޖެ ޓީވީގެ ދެ ނޫސްވެރިންގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ.
ރޭގެ މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ކޯޓަށް ގެންދިޔަ ނުވަ މީހަކަށް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ. އެގޮތުން ހައްޔަރުކުރި ބައެއް މީހުންނަށް ފަސް ދުވަސް ޖަހާފައިވާއިރު، ހަތް ދުވަހާއި 15 ދުވަހުގެ ބަންދުގެ މުއްދަތު ވެސް ބައެއް މީހުންނަށް ވަނީ ޖަހާފައެވެ.
ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ކެމެރާމަން އާދަމް ޒަރީރު ހައްޔަރުކޮށްފައި ވަނީ އެމްއެމްއޭ ސަރަހައްދުގައި ބެރިކޭޑު ޖަހާފައި ވަނިކޮށް އެތަނަށް ނުވަނުމަށް ބުނެފައި ވަނިކޮށް އެ ސަރަހައްދަށް ވަނުމުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.