26 Mar 2015, 13:30
މާލޭގެ އަމާންކަން ދެމެހެއްޓުމަށްޓަކައި މާލެ ތެރެ ދިއްލާފައި ބޭއްވުމާ ބެހޭ މަޝްރޫއެއް ހައުސިންގް މިނިސްޓްރީން ސްޓެލްކޯއާ ހަވާލުކޮށްފި އެވެެ.
އެ މަސައްކަތް ސްޓެލްކޯއާ ހަވާލުކުރުމާ ބެހޭ އެމްއޯޔޫގައި ސޮއިކުރުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ބައްދަލުވުމުގައި ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މަސައްކަތުގެ ދަަށުން މާލޭގެ މަގުތަކާއި ބިންތަކާއި އާއްމު ތަންތަން އަލިކޮށް، ވީހާ ވެސް އަމާންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
"ރައްޔިތުންނަށް ހިތްހަމަޖެހުމެއް ލިބިގެންދާނެ، މާލެ ތެރޭގެ އަލިކަން ބެލެހެއްޓެމުންދާ ގޮތް ރަނގަޅުވެގެންދާނެ،" މުުއިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން މާލެ ތެރެއަލިކޮށް ބޭއްވުމަށް މިނިސްޓްރީން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ދަށުން މާލޭގެ އަލިކޮށް ބާއްވަން އެންމެ މުހިންމު ސަރަހައްދުތަކާ ބެހޭ މައުލޫމާތު ފުލުހުން ވެސް ހިއްސާކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު ވިދާޅުވީ މާލެ ތެރެ އަލިކޮށް ބޭއްވުމާ ބެހޭ އެ މަސައްކަތް ވީހާ ވެސް އަވަހަށް ކުރިއަށް ގެންދާނެ ކަމަށާއި ސްޓެލްކޯގެ މަގުސަދަކީ ވީހާ ވެސް އަލިކޮށް މާލެތެރެ ބޭއްވުން ކަމަށެވެ. ނަމަވެސް ކަންކަން ހުރި ގޮތުން އެކަމަކީ ވަގުތުން ވަގުތަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެބަހުރި މިހާރު ވެސް އަލިކުރެވޭނެ ތަންތަން، ނަމަވެސް ސްޓެލްކޯގެ ކަރަންޓް އުފެއްދުމުގެ މިންވަރު މިހާރު ހުރީ އެންމެ މައްޗަށް އަރާފައި ކަމުގައިވާތީ އަޅުގަނޑުމެން ބަލަނީ ގިނައިން ތަންތަނަށް ކަރަންޓް ޑިސްޓްރިބިއުޓްނުކޮށްވޭތޯ، އެއީ ކޮންމެހެން ތަންތަން އަދިރިކޮށްފައި ބޭއްވުމަކަށް ނޫން،" އައްދުއްޝުކޫރު ވިދާޅުވި އެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާ މި ޕްރޮޖެކްޓްގެ ދަށުން ދިއްލާ ސަރަހައްދުތަކުގެ ކަރަންޓު ބިލްތަކަށް ޗާޖްކުރުމަށް ހަމަޖެހިފައިވަނީ ހައުސިން މިނިސްޓްރީން ނެވެ.