ވޭތުވެދިޔަ ހަ އަހަރު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ވައިސް ކެޕްޓަންކަން އަދާކުރަމުން ދިޔަ ރާއްޖޭގެ އެއް ނަންބަރު ކީޕަރު އިމްރާން މުހައްމަދު ޓީމްގެ ވައިސް ކެޕްޓަންގެ މަގާމު މި އަހަރު ދޫކޮށްލާފައި ވާއިރު، މިރޭ ކުޅޭ މެޗަށް ގައުމީ ޓީމު ނިކުންނަނީ ކެޕްޓަން އަލީ އަޝްފާގް އާއި ދެވަނަ ވައިސް ކެޕްޓަން އަކްރަމް އަބްދުލް ޣަނީ އިންޖަރީގައި ހުރި ވަގުތެއްގައެވެ.

އިމްރާން ޓީމުގެ ވައިސް ކެޕްޓަންކަން ދޫކޮށްލިކަން ހާމަކޮށްފައި ވަނީ މިއަދު އޭނާގެ ފޭސްބުކް ޕޭޖުގައެވެ. އޭނާ ބުނީ ވައިސް ކެޕްޓަންކަން މިފަހަރު ދޫކޮށްލަން ނިންމީ ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ކުރިއެރުވުމުގެ ނިޔަތުގައި ކަމަށާއި، ޓީމުގެ ޒުވާން ކުޅުންތެރިންނަށް ކުރިއެރުމަށް ފުރުސަތު ދިނުމަށް ކަމަށެވެ.

"ގައުމީ ޓީމްގެ ވައިސް ކެޕްޓަންކަން މިއަހަރު ދޫކޮށްލަން އަހަރެން ނިންމައިފިން. އަހަރެން އެކަން ކުރަން ގަސްދުކުރީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމުގެ މަގްސަދުގައި. ޒުވާން ކުޅުންތެރިން ޒިންމާދާރު ކުރުވާ، ޓީމު ލީޑު ކުރަން ފުރުސަތު ދޭންވީ ވަގުތަކީ މިއީ. ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލަކީ އެ ކުޅުންތެރިން. އެ ކުޅުންތެރިން ލީޑަރުންނަށް ވާން އަހަރެން އަހަރެންގެ ފުރިހަމަ ސަޕޯޓު ދޭނަން،" އިމްރާން ބުނެފައި ވެއެވެ.

އިމްރާން ވައިސް ކެޕްޓަންކަން ދޫކޮށްލާފައި ވާއިރު، މިރޭ ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗަށް ޓީމުގެ ކޯޗިންގް ސްޓާފުން ކަނޑައަޅާފައިވާ ކެޕްޓަން ދަގަނޑޭ އާއި ދެވަނަ ވައިސް ކެޕްޓަން އަކްރަމްއަށް ވަނީ އިންޖަރީ ވެފައެވެ. މިރޭގެ މެޗުގައި އެ ދެ ކުޅުންތެރިން ފެނުން އެކަށީގެން ނުވާއިރު، ކޯޗް ޕޮޕޯވް ވަނީ މިރޭގެ މެޗުގައި އަޝްފާގު ނުކުޅޭނަމަ، އޭނާގެ ބަދަލުގައި ޓީމު ލީޑު ކުރާނީ ފުރަތަމަ ވައިސް ކެޕްޓަން މުހައްމަދު އާރިފް (ބަކާ) ކަމަށް ބުނެފައެވެ.

"މި މެޗާ ދިމާކޮށް ޓީމަށް ވަނީ ބޮޑެތި ފިޓްނެސްގެ މައްސަލަތަކެއް ދިމަވެފަ. ޓީމުގެ ކެޕްޓަން އަޝްފާގް ހުރީ އިންޖަރީގައި. މެޗުގައި ކުޅޭނެތޯ، ނޫނީ ނުކުޅޭނެތޯ ނިންމާނީ އަޝްފާގް. އޭނާގެ އިންޖަރީ އަދިވެސް އެއްކޮށް ރަނގަޅެއް ނޫން، އެހެން ކަމުން އޭނާ ކުޅެން އަރުވައިން ރިސްކެއް ނަގާކަށް އަހަރެން ބޭނުމެއް ނޫން. އޭނާ ކުޅެން ބޭނުން ނުވާނަމަ ޓީމު ލީޑު ކުރާނީ ބަކާ" އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗް ޕޮޕޯވް ބުންޏެވެ.

"އަޝްފާގުގެ އިތުރުން ތަމްރީނުތަކުގައި އަކްރަމް އަށްވެސް ވަނީ އަނިޔާ ވެފައި. އޭނާ ކުޅެން އަރުވާނެތޯ ނިންމާނީ އަދި ފަހުން. ޓީމު މި މެޗާ ކުރިމަތިލަނީ ވަރަށް ދަތި ދުވަސްވަރެއްގައި. ސެންޓޭވެސް އިންޖަރީގައި، އޮއްޕޮއަށްވެސް ނުކުޅެވޭ. އަދި ޒުވާން ޓީމު (އަނޑަރ 23)ގެ ދަތުރުގައިވެސް ޓީމަށް ބޭނުންވާ ބައެއް މުހިންމު ކުޅުންތެރިން ވަނީ ބައިވެރި ވެފައި،"

ފިޓްނެސްގެ މައްސަލަތަކަކާ އެކު ޓީމު މެޗާ ކުރިމަތިލާ ނަމަވެސް، ކޯޗް ޕޮޕޯވް ވަނީ ކުޅުންތެރިންނާމެދު އުންމީދު ފާޅުކޮށް، ޓީމުގެ ތަމްރީނުތައް ދިޔަ ގޮތާމެދު ހިންހަމަޖެހޭ ކަމަށް ބުނެފައެވެ. އެގޮތުން މި މެޗު މުހިންމު ވަނީ މި މެޗުގައި ޓީމު ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަ ވެގެން ދާތީކަމަށާއި، މި މެޗަކީ ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ޓީމު ތައްޔާރު ކުރުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށް ޕޮޕޯވް ބުންޏެވެ.

މާދަމާ ރޭގެ މެޗު ފީފާ ޑޭސްގެ ތެރޭގައި ކުޅެވިގެން ދާއިރު، އެ މެޗުގެ ނަތީޖާއާއެކު ރާއްޖޭގެ ފީފާ ރޭންކިންއަށް އަސަރުކުރުން އެކަށީގެން ވެއެވެ. ރާއްޖެ މިހާރު ފީފާ ވޯލްޑް ރޭންކިންގެ 133 ވަނައިގައި އޮތްއިރު، ތަޖަކިސްތާނު މި ވަގުތު އޮތީ ތާވަލްގެ 141 ވަނައިގަ އެވެ.