26 Mar 2015, 12:30
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި އެމްއެންޑީއެފްގެ ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ހުކުމް އިއްވުން މާދަމާ ރެއަށް ތާވަލުކޮށްފި އެވެ.
ޒިޔާދުގެ ހުލާސާ ބަޔާން ކްރިމިނަލް ކޯޓުގައި މިއަދު އިއްވުމަށް ބޭއްވި ޝަރީއަތުގައި ދައުލަތުގެ ފަރާތުންނާއި ޒިޔާދުގެ ފަރާތުން ހުލާސާ ބަޔާން އިއްވައި ނިމުމުން ގާޒީ ވިދާޅުވީ އެ މައްސަލައިގެ ހުކުމް ކުރުން މާދަމާ ރެއަށް ތާވަލްކޮށްފައިވާ ކަމަށެވެ.
ޒިޔާދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ މިއަދު ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑު އެހުމުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަހުން ޒިޔާދުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށެވެ.
ޒިޔާދުގެ ވަކީލުން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރި އިރު ޒިޔާދު ހުންނެވީ ކޮމާންޑް ކުރެވޭ އަދި އޭނާގެ ބަހަށް އެހެން އޮފިސަރުން ކިޔަމަން ކުރެވޭ ފަދަ މަގާމެއް ގައި ނޫން ކަމަށާއި، ދައުލަތުގެ ވަކީލުން ޒިޔާދުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަހުން ޒިޔާދު އެއްވެސް މީހަކަށް އަމުރުކޮށް އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ބުނެފައި ނުވާ ކަމަށް ޒިޔާދުގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
ޒިޔާދުގެ އިތުރުން އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ތޮލްހަތު އިބްރާހިމް ކަލޭފާނު އަދި މޫސާ އަލީ ޖަލީލަށް ހުކުމް ކުރުންވެސް މާދަމާ ރެއަށް ވަނީ ތާވަލުކޮށްފަ އެވެ.