މިނިވަން ފަންސާސް ފާހަގަ ކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި "މިނިވަން ފަންސާސް ރައިވެރިބޭގެ ފެތުން" ނަމުގައި މާދަމާ ބާއްވާ ފެތުމުގެ މުބާރާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދާ ހޯމް މިނިސްޓަރު އުމަރު ނަސީރު އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފި އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު މިއަދު "ސަން" އަށް ވިދާޅުވީ ނައިބު ރައީސް ޖަމީލާއި މިނިސްޓަރު އުމަރުގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ދާނީ މާދަމާ 3:30 އިން ފެށިގެން ހަވީރު 5:30 އަށް ކަމަށް ވެސް ތަޒްމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާދަމާގެ ހަރަކާތް ކުރިއަށްދާ ވަގުތު ވިލިމާލޭގައި ގައުމީ ލަވައިގެ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށެވެ.

"މި އިވެންޓުގައި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ. އަދި ހަމައެއާއެކު ރައީސް ޔާމީން ވެސް މި އެވެންޓުގައި ކޮންމެވެސް ހިސާބަކުން ބައިވެރިވެވަޑައިގަންނަވާނެ،" ތަޒްމީލް ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީ އިން އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މި ހަރަކާތް ކުރިއަށް ގެންދާ ސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތް އެންވައިރަމަންޓް މިނިސްޓްރީ އިން ގެންދަނީ ކުރަމުންނެވެ.

މިނިވަން ފަންސާސް ފާހަގަ ކުރުމަށް މިހާތަނަށް ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ބޭއްވީ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުން ބައިވެރިވެގެން ކުރިއަށްގެން ދިޔަ ފަތިސް ނަމާދަށް ފަހު ދުއާ ކުރުމާއި ސަރިންދާ މިއުޒިކު ޝޯ އާއި އާޓު އެގްޒެބިޝަން އެކެވެ.