އުރީދޫ ޕޯސްޓް ޕެއިޑް ކަސްޓަމަރުން 999 އަށް ގުޅައިގެން ފޯނު ބިލް ދެއްކޭ ހިދުމަތެއް "ކޯލް ޓު ޕޭ"ގެ ނަމުގައި މިއަދު އުރީދޫ އިން ތައާރަފްކޮށްފި އެވެ.

އުރީދޫގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ސީނިއާ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަންސް މަރިޔަމް އަހުމަދު ދީދީ (މަރީ) ވިދާޅުވީ 999 އަށް ގުޅުމަށް ފަހު އަންނަ ވޮއިސް އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމުން ބިލްދެއްކޭނެ ކަމަށެވެ.

"މި ހިދުމަތުގެ ސަބަބުން ކޮންމެތާކު ހުރެގެންވެސް ކަސްޓަމަރުންނަށް ބިލްދައްކާލެވޭނެ" މަރީ ވިދާޅުވި އެވެ.

މި ހިދުމަތް ލިބޭނީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް އަދި ޑެބިޓް ކާޑު ބޭނުންކުރާ ފަރާތްތަކަށެވެ.

އެހެންނަމަވެސް ބިލް ނުދައްކައިގެން ފޯނުގެ ހިދުމަތް މެދުކެނޑިފައި ހުންނައިރު 'ކޯލް ޓު ޕޭ"ގެ ހިދުމަތް އަދި ބޭނުން ނުކުރެވޭނެ ކަމެވެ. ނަމަވެސް އެ ހިދުމަތް ބޭނުން ކުރެވޭނޭގޮތް ވަރަށް އަވަހަށް ފަހި ކޮށްދެއްވާނޭ ކަަމަށް މަރީ ވިދާޅުވި އެވެ.

މީގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ކާޑު ބޭނުންކުރައްވައިގެން ޕްރެޕެއިޑް ނަމްބަރުތަކަށް ކްރެޑިޓް ވެސް ރީޗާޖް ކުރެވޭނެ ކަމަށް މަރީ ވިދާޅުވި އެވެ.

މީގެ އިތުރުން އުރީދޫގެ ބިލްދެއްކޭ ގޮތްތަކުގެ ތެރޭގައި ރާސްޓަސް ބިލްޕޭ، އުރީދޫ ވެބްސައިޓް މެދުވެރިކޮށް ބިލްދެއްކުން އަދި ބޭންކް އޮފް މޯލްޑިވްސް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބިލް ދެއްކުން ހިމެނެ އެވެ.