ރާއްޖޭގައި އޮތް ވަޒީފާ ނެތުމުގެ މައްސަލައާއި ހައްދުފަހަނައަޅައި ދިއުން އިތުރުވަމުން ދިއުމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާތައް އޮތީ ބަލިކަށިކޮށް ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އެމެރިކާގެ ކޮންގްރެސްގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން އެ ގައުމުގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ ނިޝާ ބިސްވާލް ވިދާޅުވެފައި ވަނީ ރާއްޖޭގެ މުއައްސަސާތައް އޮތީ ފަސޭހައިން ގަޑުބަޑު ކުރެވޭ ފަދަ ގޮތަކަށް ކަމަށެވެ.

"...ވަޒީފާނެތް ޒުވާނުންގެ އަދަދު މަތިވުމާއި ދީނީ ގޮތުން ހައްދުފަހަނަ އަޅައި ދިއުމާއި އިޖުތިމާއީ އުތުރި އެރުންތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާތައް އޮތީ ބަލިކަށިކޮށް، އަދި އެ މުއައްސަސާތައް ފަސޭހައިން ގަޑުބަޑުކުރެވޭ،" ނިޝާ ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމު ވަނީ ކުރިއަށް ވުރެ ބޮޑަށް ސިޔާސީ ވެފައި ކަމަށް ވެސް ނިޝާ އިއްޔެ ވިދާޅުވި އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުށް ސާބިތު ވުމަކީ އިންސާފުވެރި ޝަރީއަތެއް ލިބިދިނުމާއި ގާނޫނީ ހުކޫމަތު ކަށަވަރު ކުރުމަށް ރާއްޖޭން ދީފައިވާ އިސްކަމާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖެއަށް ދޭން (ކޮންގްރެސް ރުހުން ހޯދުމަށް) އެދި ފައިވާ އެހީ ބޭނުން ވަނީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށާއި ކަނޑުމަގުގެ ސަލާމަތާއި މޫސުމަށް އަންނަމުންދާ ބަދަލުތަކުން ކުރިމަތިވާ މައްސަލަތަކާ ގުޅިގެން ކަމަށް ވެސް ނިޝާ ވިދާޅުވި އެވެ.

ރާއްޖޭގެ ސަރަހައްދުގެ ކަނޑުމަގުގެ ސަލާމަތަށް ނުރައްކާވާ ކަންކަމުގެ ގޮތުގައި ނިޝާ ވަނީ ބައެއް ކަންތައްތައް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ފާހަގަކުރައްވާފައި ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިނގާ ކަނޑުފޭރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ޓެރަރިސްޓް ހަރަކާތްތަކަށް ބޭނުންކުރެވޭ ފަދަ ތަކެތީގެ ވިޔަފާރި ކަނޑުމަގުން ކުރުމެވެ.

ރާއްޖެއާ މެދު މި ކަންބޮޑުވުންތައް އުފެދުނީ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން ރަނގަޅުވަމުން އަންނަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.