20 Feb 2011, 14:25
އެސްޓީއޯއަށް ޑޮލަރު ހޯދައިދިނުމުގެ ނަމުގައި ޔޮޓް ޓްއާސް ޕްރައިވެޓް ލިމިޓެޑަށް އެސްޓީއޯއިން ފައިސާ ދިނުމުގައި މަގާމުގެ ނާޖައިޒު ފައިދާ ހޯދައިދީފައިވާ ކަމަށް ބެލެވޭތީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހއ. ކެލާ މުހައްމަދު ހުސައިން މަނިކު (އެސްޓީއޯ މަނިކު)ގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.
އޭސީސީން މިއަދު ބުނީ އެސްޓީއޯއަށް ޑޮލަރު ހޯދަން މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޔޮޓް ޓްއާސްއަށް އެސްޓީއޯއިން ފައިސާ ދިނުމުގައި ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދިން ކަމަށް ބުނާ މައްސަލަ ބެލިއިރު އެސްޓީއޯއަށް ޑޮލަރު ހޯދުމުގެ ނަމުގައި ޔޮޓް ޓްއާސް އިން 1300000 އެމެރިކާ ޑޮލަރަށްވާ 15365991ރ. ދީފައިވާ ކަމަށެވެ.
އެސްޓީއޯ އިން އެ ފައިސާ ދިނުމުގައި އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އެ ފައިސާއަކީ ޔޮޓް ޓްއާސް އަށް ދީފައިވާ ލޯނެއް ކަމަށް ބެލެވޭ ކަމަށް ވެސް އޭސީސީން ބުނެފައި ވެއެވެ.
މީގެ އިތުރުން ބުނެފައި ވަނީ މި ކަމަކީ އޭރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އެސްޓީއޯ މަނިކު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ އަމަލެއް ކަމަށް ދެކޭ ކަމަށެވެ.
މި މައްސަލައިގައި މަނިކުގެ މައްޗަށް ތުހުމަތުކޮށް ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީއަށް ހުށަހެޅީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.