26 Mar 2015, 12:03
އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ކުރި މުޒާހަރާގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުތަކަށްވަދެ ބައެއް ފަރާތްތަކުން "ގަސްދުގައި" ފުލުހުންނަށް އަނިޔާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ އަނިޔާވެރިކަމާ ދެކޮޅަށް މިނަމުގައި ސިޔާސީ ބައެއް ފަރާތްތަކުން އިންތިޒާމުކޮށްގެން މާލޭގައި ކުރިޔަށް ގެންދިޔަ އެއްވުމުގައި ބައިވެރިވި ފަރާތްތަކުން ސަލާމަތީ ސަރަހައްދު ވަކި ކުރުމަށް ފުލުހުން ޖަހާފައިވާ ބެރިކޭޑްތައް އުކާލުމަށްފަހު ފުލުހުން ކަނޑައަޅާފައިވާ ސަލާމަތީ ސަރަހައްދަށް ގަދަކަމުން ވަދެ ބައެއް ފުލުހުންނަށް ގަސްތުގައި އަނިޔާކޮށްފައިވާ ކަމަށެވެ.
"ރޭގެ އެއްވުމުގެ ބައިވެރިން ވަނީ ޖުމުހޫރީ މައިދާން ހިމެނޭ ސަރަޙައްދުގައި ފުލުހުން ބެރިކޭޑް ޖަހައި ބަންދުކޮށްފައި ވަނިކޮށް ބެރިކޭޑްތައް ދުރަށްޖައްސައި ބައެއް ދިމަދިމާލުން ބެރިކޭޑްތައް އުކާލައި ގަދަކަމުން ވަންނަން މަސައްކަތްކޮށް އެވަގުތު އެސަރަޙައްދުގައި ތިބި ބައެއް ފުލުހުން ހިފަހައްޓައި އެއްވުމުގެ ތެރެއިން ބަޔަކު ވަނީ ފުލުހުންނަށް އަނިޔާ ކޮށްފައެވެ." ފުލުހުން ބުންޏެވެ.
ރޭގެ މުޒާހަރާގައި ބައެއް ފުލުހުންނަށް "ގަސްތުގައި" އަނިޔާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު އެގާރަ ޖެހުމާއި އެކު އަޑުގަދަ ކުރާ ހުއްޓާލުމަށް އެންގުމަށް ފުލުހުން އައި ވަގުތު ފުލުހުންގެ ވެހިކަލެއްގެ ބިއްލޫރި ގަނޑެއް ވެސް ވަނީ ތަޅާލާފައި އެވެ.
ރޭގެ މުޒާހަރާއާ ގުޅިގެންނުވަ މީހަކު ވަނީ ހައްޔަރު ކޮށްފައި އެވެ.
އޭގެތެރޭގައި ރާއްޖެ ޓީވީގެ ނޫސްވެރިއަކާ ކެމެރާމަނެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވެސް ހިމެނެ އެވެ.