އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

އެއްވުންތަކަށް ނުދިއުމަށް ޝަރުތުކޮށް ދޫކޮށްލި ދީދީ އެއްވުމަކަށް ދިއުމުން ކޯޓް އަމުރެއްގެ ދަށުން އިއްޔެ އޭނާ ހައްޔަރުކޮށް މިއަދު ހެނދުނު ބަންދުގެ މުއްދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ގެންދިއުމުން އެކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފަ އެވެ.

އެއްވުންތަކަށް ނުދިއުމަށް ޝަރުތުކޮށް ދޫކޮށްލުމުން ދީދީ ވިދާޅުވީ އެއްވުންތަކަށް ނުދިޔުމަށް ކޯޓުން ޝަރުތު ނުކުރެވޭނެ ކަމަށާއި މުޒާހަރާ އިން އޭނާ ހައްޔަރު ކުރުމުން ފުލުހުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށެވެ.

ދީދީ ހައްޔަރުކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ބޭއްވި މުޒާހަރާގަ އެވެ. އެފަހަރު އޭނާ ހައްޔަރު ކުރުމަށް ފަހު ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާފަ އެވެ. އެއަށް ފަހު މިމަހުގެ 10 ވަނަ ދުވަހު އޭނާ ދޫކޮށްލީ އެއް މަސްވަންދެން އެއްވުންތަކަށް ނުދާން ޝަރުތުކޮށްފަ އެވެ.