26 Mar 2015, 12:10
އެމްބީއޭއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ އިންޓަރ ކޮލެޖް/ޔުނިވަރސިޓީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރެހެން ޑިވިޝަންގެ ޗެންޕިއަންކަން މެޕްސް ކޮލެޖް ހޯދިއިރު، އެ މުބާރާތުގެ އަންހެން ޑިވިޝަނުން އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސް (އައިލްސް) ޗެންޕިއަންކަން ހޯދައިފިއެވެ.
އިންޓާ ކޮލެޖް/ޔުނިވަރސިޓީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން އައިލްސް ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި 55-44 ޕޮއިންޓުން ސީއެޗްއެސްއީގެ މައްޗަށް ކުރި ހޯދައިގެނެވެ.
އެ މެޗުގައި އައިލްސްގެ އައިމިނަތު ޝިއުރާ ޓީމަށް 28 ޕޮއިންޓް ކާމިޔާބު ކޮށްދިންއިރު، ސީއެޗްއެސްއީ ޓީމަށް އެންމެ ގިނަ ޕޮއިންޓް ކާމިޔާބު ކޮށްދިނީ އެ ޓީމަށް 20 ޕޮއިންޓް ކާމިޔާބު ކޮށްދިން ރައިފާ އިބްރާހިމް އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އައިލްސްގެ އައިމިނަތު ޝިއުރާ އެވެ.
މެޗަށް ފަހު ބޭއްވި އިނާމް ދިނުމުގެ ރައްމިއްޔާތުގައި، ޗެންޕިއަން ޓީމަށް ތަށި ހަވާލު ކުރުމުގެ އިތުރުން، އަންހެން ޑިވިޝަންގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންނަށް ވަނީ އިނާމް ދީފައެވެ. އެގޮތުން އަންހެން ޑިވިޝަނުން، މުޅި މުބާރާތުގެ ޓޮޕް ސްކޯރަރގެ މަގާމް ހޯދީ އައިލްސްގެ ހުސްނާ މުހައްމަދު އެވެ.
އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުތެރިންނަށް ހޮވުނީ އައިލްސްގެ ޝިއުރާ އާއި ހުސްނާގެ އިތުރުން، ވިލާ ކޮލެޖްގެ ފައިރޫޒާ އާދަމް އާއި ސީއެޗްއެސްއީގެ ރައިފާ އިބްރާހިމް އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ އައިމިނަތު އިސްރާއު އަބްދުއް ޝުކޫރު އެވެ. އަދި އަންހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އައިލްސްގެ ކޯޗް މުހައްމަދު ޒިލާލް އެވެ.
އިންޓާ ކޮލެޖް/ޔުނިވަރސިޓީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރެހެން ޑިވިޝަންގެ ޗެންޕިއަންކަން މެޕްސް ހޯދީ އިއްޔެ ރޭ ކުޅުނު ފިރެހެން ޑިވިޝަންގެ ފައިނަލްގައި، ވިލާ ކޮލެޖްގެ މައްޗަށް 46-69 ޕޮއިންޓުން ކުރި ހޯދައިގެނެވެ. އެ މެޗުގައި ވިލާ ކޮލެޖުގެ އަހުމަދު ސަނީހު ޓީމަށް 18 ޕޮއިންޓް ކާމިޔާބު ކޮށްދިންއިރު، މެޕްސްއަށް އެންމެ ގިނަ ޕޮއިންޓް ކާމިޔާބުކޮށްދިނީ ރިފްޝާން ރަޝީދު އެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޕްސްގެ ރިފްޝާން އެވެ.
މުބާރާތުގެ ފިރެހެން ޑިވިޝަނުގައި ކުޅުނު މެޗުތަކުން މުޅިއަކު 106 ޕޮއިންޓް ކާމިޔާބުކޮށް، މުޅި މުބާރާތުގެ ޓޮޕް ސްކޯރަރގެ މަގާމް ހޯދީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ އަހުމަދު މުއާވިން އެވެ. އަދި ފިރެހެން ޑިވިޝަންގެ މޮޅު ފަސް ކުޅުންތެރިންނަށް ވިލާ ކޮލެޖްގެ އަހުމަދު އައުޝަން އާއި އެމްއެންޔޫގެ އިބްރާހިމް ނަސީމް އަދި އަބްދުﷲ އަމްޒަރުގެ އިތުރުން، މެޕްސްގެ މުހައްމަދު ފިރުނާޝް އާއި ރިފްޝާން ހޮވުނުއިރު، އެ ޑިވިޝަންގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ މެޕްސްގެ މުހައްމަދު ނަސީރު އެވެ.