26 Mar 2015, 13:18
ރާއްޖެ ޓީވީގެ ކެމެރާމަނާއި ނޫސްވެރިއާ ދޫކޮށްލުމަށް ރާއްޖެ ޓީވީން ގޮވައިލައިފި އެވެ.
ރޭގެ މުޒާހަރާ އިން ފުލުހުން ހައްޔަރުކޮށްފައި ވަނީ ރާއްޖެ ޓީވީގެ ސީނިއާ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ސީނިއާ ކެމެރާމަން އާދަމް ޒަރީރު އެވެ. އެ ދެ ނޫސްވެރިންގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން މިހާރުވަނީ ޖަހައިދީފައެވެ.
ރާއްޖެ ޓީވީ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ދެ ނޫސްވެރިން ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބުނީ ވަރަށް ބޮޑު ހައިރާން ކަމަކާ އެކުގައި ކަަމަށެވެ. އަދި އެކަމަކީ މައުލޫމާތު ފޯރުކޮށްދިނުމާއި ނޫސްވެރިކަމުގެ މިނިވަން ކަމަށް އެޅިގެން ދިޔަ ހުރަހެއް ކަމަށް ވެސް ރާއްޖެ ޓީވީ އިން ވަނީ ބުނެފަ އެވެ.
"އެ ދެ ނޫސްވެރިން ވަނީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކާއި އެއްވުންތަކުގެ މައުލޫމާތު ނާންމާންކަމާ ބިރުވެރިކަމުގެ ތެރެއިން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ނުހަނު ބުރަ މަސައްކަތްތަކެއް ކޮށްފަ" ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވެއެވެ.
ވަޒީފާ އަދާކުރަމުން ދަނިކޮށް ހައްޔަރުކޮށްފައިވާ ނޫސްވެރިޔާ އާއި ކެމެރާމަން ދޫކޮށްލުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށާއި މީގެ ކުރިން ވެސް ރާއްޖެ ޓީވީއަށާއި އެ ސްޓޭޝަންގެ ނޫސްވެރިންނަށް ވެފައިވާ ގެއްލުންތަކަށް އިންސާފު ލިބިފައިނުވާކަން އެ ނޫސްބަޔާނުގައިވަނީ ފާހަގަކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ ނޫސްވެރިން ހައްޔަރު ކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅުމުން ކަމަށެވެ.