26 Mar 2015, 11:41
ބިދޭސީން މުޒާހަރާއަށް ނުކުތުމަކީ ރާއްޖޭގެ އިގްތިސާދަށް ގެއްލުން ދިނުމަށް ރޭވިގެން ހިންގާ އަމަލެއް ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.
ދެ ބިދޭސީއެއްގެ މަރާއި ބިދޭސީންނަށް ގެއްލުންތައް ދެމުންދާތީ އަންނަ ހުކުރު ދުވަހު މާލޭގައި މުޒާހަރާއެއް ކުރުމަށް ބިދޭސީންތަކެއް އިސްވެ ވަނީ ރާވައިފަ އެވެ. ހުކުރު ނަމާދަށް ފަހު ބާއްވާ އެ މުޒާހަރާ އަށް ދިޔުމަށް އެސްއެމްއެސް މެދުވެރިކޮށް ދަނީ އަންގަމުންނެވެ.
އެކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ވޯކް ވިސާ ދޫކޮށްފައިވާ ބިދޭސީން އެގޮތަށް މުޒާހަރާއަށް ނުކުތުމަކީ ދޫކޮށްފައިވާ ހުއްދައާ ހިލާފު އަމަލެއް ކަމަށެވެ. ހަމައެހެންމެ އެއީ އިގްތިސާދަށް ގެއްލުން ދިނުމަށް ރޭވިގެން ހިންގާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
"ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މިގޮތަށް މުޒާހިރާކުރުމަކީ، ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިތަކަށް ގެއްލުުން ދިނުމަށް ސީދާގޮތުން ރޭވިގެން ހިންގާ އަމަލެއް." އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.
މުޒާހަރާ ކުރުން ފަދަ ކަންކަމުން "ދުރުހެލިވެތިބުމަށް" އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ބިދޭސީންނަށް ގޮވާލާފަ އެވެ.
ބިދޭސީން މާދަމާ ބާއްވަން ނިންމާފައިވާ މުޒާހަރާގައި ބައިވެރިވާ ނަމަ، އެ މީހުންގެ ވޯކްޕާމިޓް ހުއްދަ ބާތިލު ކުރާނެ ކަމަށް އިމިގުރޭޝަނުން ބުނެފަ އެވެ.
އެކަމާ ގުޅޭ ގޮތުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް އަދި އިންފޯމޭޝަން އޮފިސަރު ހަސަން ހަލީލް އިއްޔެ "ސަން" އަށް ވިދާޅުވީ، އެފަދަ ކަންކަމާ ގުޅޭ ގޮތުން ގާނޫނުގެ ދަށުން އިމިގްރޭޝަނަށް ލިބިފައިވާ އިހުތިޔާރުގެ ދަށުން އެފަދަ ދޭސީންގެ ހުރިހާ ހުއްދައެއް ބާތިލު ކުރުމާއި ޑީޕޯޓް ކުރުމާއި ޖޫރިމަނާ ކުރުމުގެ ބާރު ލިބިގެންވާ ކަމަށެވެ. އެ މައްސަލާގައި ދެވަނަ ފުރުސަތެއް ނުދީ ފިޔަވަޅު އަޅާނީ ވަރަށް ހަރުކަށިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތަށް އިމިގްރޭޝަނުން ބުނާ އިރު ގާނޫނު އަސާސީ އެކުލަވާލުމަށް މަސައްކަތް ކުރި ފަރާތަކުން މިއަދު ސަން އަށް ވިދާޅުވީ ހުއްދައަކާއި ނުލައި ރާއްޖޭގައި އެއްވެ އުޅުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ. އެހެންކަމުން ބިދޭސީންނަށް ވެސް އެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަހަކަށް އައިސް ކޮންމެ ރެއަކު ހިންގާ މާރާމާރީތަކުގައި ބިދޭސީންތަކެއް ަޒަމްކޮށްލާފައިވާ އިރު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަނީ ބިދޭސީއަކަށް ހަމަލާދީ މަރާލާފަ އެވެ. އަދި ހޯމަ ދުވަހު ވެސް ވަނީ ޒަހަމްތަކަކާ އެކު މަރުވެފައި އޮތް ބިދޭސީއަކު ތޮއްޑޫން ފެނިފަ އެވެ.