"އަނިޔާވެރިކަމާ ދެކޮޅަށް" ކަމަށް ބުނެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހައްޔަރުކުރީ ޓާގެޓްކޮށްގެން ކަމަށް ބުނެ އެމްޑީޕީ އިން އެކަން ކުށްވެރިކޮށްފި އެވެެ.

އެމްޑީޕީން ރޭ މާލޭގައި ކުރި މުޒާހަރާ އަށް ގާނޫނު އަސާސީ އާއި އަދި ގާނޫނާ ހިލާފަށް ފުލުހުން ހުރަސް އަޅާފައިވާ ކަމަށް ބުނެ އެކަން ކުށްވެރިކޮށް އެމްޑީޕީ އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފުލުހުން މަހުލޫފު ހައްޔަރުކޮށްފައި ވަނީ ޓާގެޓްކޮށްގެން ކަމަށެވެ. އަދި މަހުލޫފު ހައްޔަރުކޮށްފައި ވަނީ ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށާއި އޭނާ ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަރަށް ހަޑިކޮށް މުހާތަބްކޮށް، މަހުލޫފުގެ ގަމީސް އިރާލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

"މަހުލޫފް ހައްޔަރުކޮށްފައި ވަނީ ފުލުހުން އެމަނިކުފާނު ޓާގެޓަކަށް ހަދައި އެމަނިކުފާނާ ދިމާއަށް ހަޑިއެއްޗެތި ގޮވުމަށް ފަހު، އެމަނިކުފާނުގެ ގަމީސް އިރާލައި އަދި ވަރަށް އަނިޔާވެރިގޮތަކަށްކަން ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ،" އެމްޑީޕީން ބުނެފައިވެ އެވެ.

އެމްޑީޕީ އިން ބުނީ މަހުލޫފު ޕީޕީއެމް އިން ވަކިކުރުމާ އެކު އަދި އެމަނިކުފާނު ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާތީ، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން މަހުލޫފަށް އެކި ގޯނާކޮށް އަދި ފުރާނައިގެ ނުރައްކާ ކުރިމަތިކުރުވަމުން ގެންދާ ކަމަށް ވެސް އެމްޑީީޕީ އިން ތުހުމަތުކޮށްފައިވެ އެވެ.

މަހުލޫފް ހައްޔަރުކުރީ ޓާގެޓްކޮށްގެން ކަމަށް އެމްޑީޕީ އިން ކުރާ ތުހުމަތު ފުލުހުން ދޮގު ކުރެ އެވެ. ފުލުހުން މިއަދު ސަން އަށް ބުނީ މަހުލޫފު ހައްޔަރުކޮށްފައި ވަނީ "ފުލުހުންގެ ބެރެކޭޑް ފަޅާލައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްްކުމުން" ކަމަށެވެ. އަދި ރޭ މަހުލޫފުގެ އިތުރަށް އެގޮތަށް އަަމަލު ކުރި އިތުރު މީހުން ވެސް ހައްޔަރު ކުރި ކަމަށެވެ.