ތެހެރާން (މާޗް 26) : އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް ނައްތާލެވޭފަދަ އެއްބަސްވުމެއްގައި ނޫނީ ހުޅަނގާއެކު ސޮއި ނުކުރާނެ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު ޖަވާދު ޒަރީފް ވިދާޅުވީ ނިއުކްލިޔަރ މައްސަލަ ޙައްލު ކުރުމަށް ހުޅަނގުގެ ބާރުތަކާ ދެމެދު ވެވޭ ކޮންމެ އެއްބަސްވުމެއްވެސް ބިނާވާންޖެހޭނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް ނައްތާލުމުގެ މައްޗަށެވެ. މިނޫންގޮތަކަށް އެއްބަސްވުމަކާ ހަމައަށްދާން އީރާން ބޭނުންނުވާ ކަމަށްވެސް ޑރ. ޒަރީފް ވިދާޅުވިއެވެ. ނިއުކްލިޔަރ މައްސަލާގައި އެއްބަސްވުމަކަށް އައުމަށް އީރާނުން މިގޮތަށް ޝަރުތުކުރާއިރު އެމެރިކާ އާއި ހުޅަނގުގެ ބާރުތައް ބޭނުންވަނީ މަރްހަލާ ތަކަކަށް ބަލާލައިގެން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށެވެ. މިގޮތަށް އީރާން އެއްބަސްވެއްޖެނަމަ އެކިއެކި ބަހަނާތައް ދައްކައިގެން ދަތިކުރުމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް ހުޅަނގުން މަސައްކަތް ކުރާނެކަމަށް އީރާން ދެކެއެވެ.

އީރާނުން ކުރިޔަށްގެންދާ މުހިއްމު ނިއުކްލިޔަރ ހަރަކާތްތައް 10 އަހަރުގެ މުއްދަތަށް މެދުކަނޑާލުމަށް އެމެރިކާ ހުށަހެޅުމުން އީރާނުންވަނީ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އެއްފަހަރާ އުވާލާނަމަ އެކަމަށް އެއްބަސްވެދާނެކަން ހާމަކޮށްފައެވެ. އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ އެންމެ ފަހު ބުރުގެ ނިއުކްލިޔަރ ވާހަކަތައް މިއަދު ހަވީރުގެ ވަގުތެއްގައި ސްވިސްޓްޒަލޭންޑްގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މިމަސް ނިމުމުގެ ކުރިން ނިއުކްލިޔަރ މައްސަލާގައި އެއްބަސްވުމަކާ ހަމައަށް އާދެވުމުގެ ފުރްސަތު ބޮޑުނޫންކަމަށް މުރާސިލުން ބުނެއެވެ.

މިމަސް ނިމުގެ ކުރިން އެއްބަސްވުމަކާ ހަމައަށް ނުދެވިއްޖެނަމަ އީރާނާއި ހުޅަނގުގެ ބާރުތަކަށް ޖެހޭނީ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް އައު ސުންގަޑިއެއް ކަނޑައަޅަން ކަމަށް މުރާސިލުން ބުނެއެވެ. (ރޮއިޓާސް)