26 Mar 2015, 11:46
އޮސްޓްރޭލިއާއާ ދެކޮޅަށް ރޭ ޖަރމަނީ ކުޅުނު ރަހުމަތްތެރިކަމުގެ މެޗެއްގައި، ފަހު ވަގުތު އެ ޓީމްގެ ފޯވާޑް ލޫކަސް ޕޮޑޮލްސްކީ ކާމިޔާބު ކޮށްދިން ލަނޑާއެކު ނަތީޖާ ހަމަހަމަކޮށް، ދުނިޔޭގެ އެންމެ ފަހުގެ ޗެންޕިއަން ޖަމަނީ ލަދަކުން ސަލާމަތް ވެއްޖެ އެވެ.
ރޭގެ މެޗުގައި އޮސްޓްރޭލިއާ އަތުން ޖާމަނީ އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ. ފީފާ ޑޭސްގެ ތެރޭ ކުޅެވުނު އެ ރަހުމަތްތެރިކަމުގެ މެޗުން، މިހާރު ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ޖަރުމަނުގެ ރޭންކިން އަށް އަސަރު ކުރުން އެކަށީގެންވާ އިރު، އޮސްޓްރޭލިއާ މިހާރު އޮތީ ވޯލްޑް ރޭންކިންގެ 65 ވަނައިގަ އެވެ.
ރޭގެ މެޗުގެ ލީޑު ފުރަތަމަ ނެގީ ޖަރމަނީ އެވެ. މެޗުގެ ފަށައިން ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ޖަރުމަނު ޓީމުގެ ސާމީ ކެދީރާ ދިން ޕާހަކުން، އެ ޓީމް މާކޯ ރިއުސް އޮސްޓްރޭލިއާ ގޯލްގެ ތެރެއަށް 16 ވަނަ މިނެޓުގައި ފޮނުވާލި ބޯޅަ އޮފްސައިޑް ކަމަށް ބެލި އިރު، އޭގެ މިނެޓެއް ފަހުން ހަމަ ކެދީރާގެ އެހީއާ އެކު ޖަރުމަނަށް ލީޑު ހޯދަދިނީ ރިއުސް އެވެ.
ލިބުނު ލީޑާ އެކު ޖަރުމަނު ރަނގަޅު ހަމަލާތަކެއް އުފައްދަމުން ދިޔަނަމަވެސް، އޮސްޓްރޭލިއާގެ ކީޕަރު މެތިއު ރަޔަން ވަނީ ޖަރުމަނުގެ ފޯވާޑް ލައިނުން ގޯޓްޒޭ އާއި ރިއުސް އަދި ކަރިމް ބެލެރާބީގެ ނުރައްކާތެރި ހަމަލާތަކެއް ދިފާއު ކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފްގެ ބޮޑު ބައިގައި އޮސްޓްރޭލިއާއަށް މާ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައި ނުވާ އިރު، އެ ޓީމްގެ ހަލުވި ފޯވާޑް މަތިއު ލެކީ ވަނީ ކައުންޓާތަކުގައި ޖަރުމަނުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އޮސްޓްރޭލިއާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، އެ ޓީމްގެ ޖޭމްސް ޓްރޮއިސީ ކާމިޔާބު ކުރި ލަނޑުންނެވެ.
މެޗުގެ ދެވަނަ ހާފްވެސް ރަނގަޅު ފޯމެއްގައި ފެށީ ޖަރުމަނުންނެވެ. ނަމަވެސް 50 ވަނަ މިނެޓުގައި އޮސްޓްރޭލިއާއަށް ލިބުނު ހިލޭ ޖެހުމުކުން، ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސްއަށް ކުޅެމުން އަންނަ އޮސްޓްރޭލިއާގެ ކެޕްޓަން މައިލް ޖެޑިނެކް އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، އޮސްޓްރޭލިއާއަށް ލީޑު ހޯދަދިނެވެ.
ލީޑު ނެގުމަށް ފަހު އޮސްޓްރޭލިއާ ވަނީ ގިނަ ފުރުސަތުތަކެއް އުފައްދާ، ޖަރުމަނުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ. އޮސްޓްރޭލިއާއަށް ލިބުނު ލީޑާ އެކު ޖަރުމަނު ޓީމްގެ ފޯވާޑް ލައިން ސްޕީޑް ދަށްކޮން ފެނިގެން ދިޔައިރު، ޖަރުމަނަށް މެޗުގައި ހަމައަކަށް އެޅިލެވުނީ އެ ހާފްގެ މެދުތެރެއިން ލޫކަސް ޕޮޑޮލްސްކީ އާއި އަންދްރޭ ޝާލޭ ކުޅެން އެރުވުމުންނެވެ.
މެޗުގެ ފަހު 15 މިނެޓުގައި އޮސްޓްރޭލިއާ ކުޅުމުގެ ސްޕީޑު ދަށްކޮށް، ޑިފެންސަށް އިސްކަން ދީގެން ކުޅުނު އިރު، ގިނަ ވަގުތު ބޯޅަ ގެންގުޅެމުން ދިޔައީ ޖަރުމަނެވެ. އަދި މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް، ޝާލޭ ދިން ޕާހަކުން މެޗުގެ ނަތީޖާ ޖަރުމަނަށް ހަމަހަމަ ކޮށްދިނީ ޕޮޑޮލްސްކީ އެވެ. އެ ލަނޑާއެކު ޖަރުމަނު ޓީމު ފޯމަކަށް އެޅި، ރަނގަޅު ކުޅުމެއް ދައްކާފައި ވަނަމަވެސް، މެޗުގައި ދެ ޓީމުންކުރެ އެއް ޓީމަށްވެސް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.