ނިއުދިއްލީ (މާޗް 26) : ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަ އެއްބަސްވުމެއްގައި އެދެގައުމުން ސޮއިކޮށްފިއެވެ.

މިއެއްބަސްވުންތަކުގެ ތެރޭގައި ހަކަތައާއި އިންވެސްޓްމަންޓްތަކާބެހޭ އެއްބަސްވުންތައް ހިމެނެއެވެ. ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ދެކުނު އޭޝިޔާގެ ތިން ގައުމަކަށް އޭނާ ފައްޓަވާފައިވާ ދަތުރުފުޅުގެ އެންމެ ފަހުގެ މަންޒިލެވެ. އިންޑިޔާއަށް ވަޑައިގަތުމުގެ ކުރިން ޝައިޚް ތަމީމް ވަނީ ޕާކިސްތާނަށާއި ސްރީލަންކާއަށް ވެސް ޒިޔާރަތް ކުރައްވައި އެދެ ގައުމުގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވާފައެވެ.

އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގައި ޝައިޚް ތަމީމް ވަނީ އެގައުމުގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އާއި ރައީސް ޕްރަނާބް މުކަރްޖީ އާ ވަކިވަކިން ބައްދަލުކުރައްވާފައެވެ. ޝައިޚް ތަމީމް އިންޑިޔާގެ މަސްއޫލުވެރިންނާއެކު ކުރެއްވި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރައްވާފައިވަނީ ދެގައުމުގެ ދެމެދުގައިވާ އިގްތިސާދާއި ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމުގެ މައްޗަށެވެ. މިގޮތުން ގަތަރުގެ އިންވެސްޓްމަންޓްތައް އިންޑިޔާގައި އިތުރުކޮށްދިނުމަށް އިންޑިޔާގެ މަސްއޫލުވެރިން ޝައިޚް ތަމީމް އަށް ހުށަހަޅުއްވާފައިވާ ކަމަށް ގަތަރުގެ ރަސްމީ ނޫސްއެޖެންސީ ބުނެއެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ ދި އިކޮނޮމިކް ޓައިމްސް ބުނާގޮތުން ގަތަރުގެ އިންވެސްޓްމަންޓްތައް އިންޑިޔާގައި އިތުރުކޮށް ދިނުމުން ގަރަތަށް ލިބޭ ފައިދާތަކުގެ ތެރޭގައި އެގައުމުން އިންޑިޔާއަށް ވިއްކާ ގުދްރަތީ ގޭހާއި ތެލާއި ޕެޓްރޯ ކެމިކަލް އުފެއްދުންތައް އިތުރުކުރުމުގެ ފުރްސަތު ލިބުން ހިމެނެއެވެ. ގަތަރުން މިތަކެތި އިންޑިޔާއަށް އެކްސްޕޯޓްކުރާއިރު އިންޑިޔާ އިން ގަތަރަށް އެކްސްޕޯޓްކުރާ ބާވަތްތަކުގެ ތެރޭގައި ސިމެންތިއާއި ހިލައާއި ހިލަވެލީގެ އިތުރުން މޭވައާއި ތަރުކާރީ އާއި ގޮވާމުގެ ބާވަތްތައް ހިމެނެއެވެ. ފާއިތުވި އަހަރު އިންޑިޔާއާއި ގަތަރުން ކުރި ވިޔަފާރީގެ މިންވަރު 16.3 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. ގަތަރުގެ އަމީރު އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގައި ގަތަރުގެ ބައެއް ކުންފުނިތަކުގެ ވެރިންނާއި ވިޔަފާރިވެރިން ގެ ވަފްދެއްވެސް ހިމެނެއެވެ.

ގަތަރުން އިންޑިޔާގައި އިންވެސްޓް ކުރުމަށްހުރި ފުރްސަތުތަކާބެހޭގޮތުން އިންޑިޔާގެ މަސްއޫލުވެރިންނާ އަދި އިންޑިޔާގެ ބޮޑެތި ކުންފުނިތަކުގެ ވެރިންނާ އެކު މިވަފްދުގެ ބޭފުޅުން ބާއްވާ އިންވެސްޓްމަންޓާބެހޭ ފޯރަމެއް މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ގަތަރުގެ އިންވެސްޓްމަންޓްތައް އިންޑިޔާ ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހަކަތައިގެ ދާއިރާއާއި އިންފްރާސްޓްރަކްޗަރ ގެ ދާއިރާ ހިމެނޭއިރު މިދެ ދާއިރާގައި އެތަށް ބިލިޔަން ޑޮލަރެއް އިންވެސްޓް ކުރުމަށް ގަތަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިންޑިޔާގެ ނޫސްތައް ބުނެއެވެ. (އަލްޖަޒީރާ)