އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ކުރި މުޒާހަރާގައި ރާއްޖޭ ޓީވީގެ ނޫސްވެރިއަކާއި ކެމެރާމަނަކު ހައްޔަރުކޮށްފި އެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ކެމެރާމަން އާދަމް ޒަރީރު ހައްޔަރުކޮށް ދޫނިދޫއަށް މިރޭ ވަނީ ގެންގޮސްފަ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ސްޓޭޝަން އިންސްޕެކްޓަރު އިސްމާއިލް އަލީ ވިދާޅުވީ ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ހައްޔަރު ކުރީ ފުލުހުން ބެރިކޭޑު ޖަހާފައި ވަނިކޮށް އެތަނަށް ނުވަނުމަށް ބުނެފައި ވަނިކޮށް އެ ސަރަހައްދަށް ވަނުމުން ކަމަށެވެ. މުޒާހަރާގެ ބައިވެރިން އެމްއެމްއޭ ސަރަހައްދަށް މިސްރާބު ޖެހި ވަގުތު ހައްޔަރު ކުރި ދެ ނޫސްވެރިން ފުލުހުންނަށް ދަތިވާ ގޮތަށް މަސައްކަތްކޮށް ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޒާހަރާގައި ހައްޔަރު ކުރި ދެ ނޫސްވެރިންނާއެކު މުޅި ޖުމުލަ ނުވަ މީހަކު މިރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިރޭގެ މުޒާހަރާގައި ހައްޔަރު މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވެސް ހިމެނެ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ބެރިކޭޑް ފަޅާލައި ގަދަކަމުން ވަދެގަތުމަށް މަސައްކަތް ކުރުމުން ނެވެ.

ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކު މިރޭ ހައްޔަރު ކޮށްފައިވާއިރު ރޭގެ މުޒަހަރާގައި ވެސް ޗެނަލް ވަންގެ ނޫސްވެރިއަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާގެ ބަންދަށް ކޯޓުން މިއަދު ވަނީ ފަސް ދުވަސް ޖަހާދީފަ އެވެ.