25 Mar 2015, 23:51
ސަރުކާރާ އިދިކޮޅު ފަރާތްތަކުން ގުޅިގެން "އަނިޔާވެރިކަމާ ދެކޮޅަށް" އެ ނަމުގައި މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރޭން މިރޭ ކުރިއަށް ދިއަ މުޒާހަރާގައި، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ބެރިކޭޑް ފަޅާލައި ގަދަކަމުން ވަދެގަތުމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފު ހައްޔަރުކޮށްފި އެވެ.
އެސަރަހައްދުގައި ހަރަކާތްތެރިވާ "ސަން"ގެ ނޫސްވެރިޔާ އަޙްމަދު ސާއިލް ޢަލީ ބުނީީ މުޒާހަރާގެ ބައިވެރިން ފުލުހުން މަގު ބަންދުކޮށްފައި ވަނިކޮށް ބެރިކޭޑްތައް ފަޅާ ކުރިއަށް ގޮސް ސޯލްޓް ކެފޭ އާ ހިސާބުން މެންބަރު މަހުލޫފު ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މަހުލޫހު ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި "އޭނާގެ ގަމީހުގެ ގޮށްތައް ވެސް ވަނީ ނެއްޓިފައި" ކަމަށް ސާއިލް ބުންޏެވެ.

މަހުލޫފު ހައްޔަރުކޮށްގެން ގެންދަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
މަހުލޫފު ހައްޔަރުކުރި މަންޒަރު ސިފަކޮށްދެއްވަމުން ސާއިލް ބުނީ "މަހުލޫފު ގެންގޮސްފައި ވަނީ ހަތަރެސްފައިގައި ފުލުހުން ހިފައި އުފުއްލާލައިގެން" ކަމަށެވެ.
މަހުލޫފު ހައްޔަރު ކުރުމުގެ ތެރޭގައި ހިނގާ ދިޔަ ހަމަ ނުޖެހުމުގައި އިތުރު ތިން މީހަކު ވެސް ފުލުހުން ހައްޔަރުކޮށްފައިވާ ތަން ސަންގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.
އަދި މިހާރު މުޒާހަރާގެ ބައިވެރިން ވަނީ އެކި ތަންތަނަށް ބެހިގެން ގޮސްފަ އެވެ.
އަނިޔާއާ ދެކޮޅަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މިރޭ ކުރި މުޒާހަރާގައި މެމްބަރު މަހުލޫފު މުޒާހަރާގެ ބައިވެރިންނާއެކު މަގުތަކުގައި ދުވެވަޑައިގަންނަވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ