25 Mar 2015, 22:44
ބަވަނަ ވެފައިވާ ދުނިޔެއެއްގައި ބޭރުގެ ފަރާތްތަކާ އެކު ގުޅުން ބަދަހި ކުރަންވާނެ ކަމަށާއި އެއީ ވަރަށް މުހިއްމު ކަމެއް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުންދު ވިދާޅުވީ ބޭރުގެ ފަރާތްތަކާ އެކު ގުޅުން ބަދަހި ކުރުމަކީ ގޯސް ކަމެއް ކަމަށް ބައެއް ފަރާތްތަކަށް ހީފުޅުވާ ކަމަށެވެ. އެހެންނަމަވެސް ހަގީގަތީ ދޮންބަންޑާރައިންނަކީ ވެސް ބޭރުގެ ފަރާތްތަކާ އެކު ގުޅުން ބަދަހި ކުރައްވާފައިވާ ބޭފުޅެއް ކަމަށް މުންދު ވިދާޅުވި އެވެ.
"އަސްކަރީ އުކުޅުތަކުގެ އިތުރުން ދޮންބަންޑާރައިންނަކީ ރާއްޖޭގައި އުފެދުނު ވަރަށް ވަރުގަދަ ޑިޕްލޮމެޓިކް ލީޑަރެއް ކަން. އެކި ފަހަރު މަތިން ހޮޅިންގެ ލަޝްކަރުތަކާ ކުރިމަތިލައި އަޅުގަނޑުމެން ދިވެހިން ކާމިޔާބު ކުރެއްވި އިރު ވަރަށް ހިކުމަތްތެރިކަމާ އެކު އޭރުގެ ދުނިޔޭގެ ހަގީގަތްތައް އަދި މި އިންޑިއާ ކަނޑުގެ އޮއިވަރު ދެނެވަޑައިގެން ހުންނަވާ ގުޅުންތައް ވެސް ބަދަހި ކުރެއްވި ބޭފުޅެއް. ބައެއް ފަހަރު ފަރަންސޭސިންނާއި ބައެއް ފަހަރު އެހެން ގައުމުތަކާ، ގުޅުންތައް ބަދަހި ކުރައްވައި އަޅުގަނޑުމެންގެ ދިފާއު ވަރަގަދަ ވެސް ކުރެއްވި ބޭފުޅެއް. މި ހާދިސާ އިން އިބުރަތް ހާސިލް ކުރައްވާ އިރު ބޭރުގެ ފަރާތްތަކާ އަޅުގަނޑުމެންނާ ގުޅުން ބަދަހި ކުރެއްވުމަކީ ގޯސް ކަމެއް ކަމަށް ހީފުޅު ކުރައްވާ ނަމަ އެއީ ކުށް ހީއެއް،" މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ބޭރުގެ ފަރާތްތަކާ އެކު ބަދަހި ކުރާ ގުޅުންތަކަކީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތަށް މުހިއްމު އެއްޗެއް ކަމަށެވެ. އެހެންނަމަވެސް ސަމާލުވާންވީ އެފަދަ ފަރާތްތަކުގެ އަޅުވެތި ކަމުގެ ތެރެއަށް ނުދިއުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބޭރުގެ ފަރާތްތަކާ އެކު ގުޅުން ބަދަހި ކުރާއިރު ގުޅުން ބަދަހި ކުރަންޖެހޭނީ ރާއްޖޭގެ ސިޔާދަތަށް ބުރޫ ނާރާ ގޮތަށް ކަމަށެވެ.
ރައީސް އޮފީހުގެ މިނިސްޓަރު މިހެން ވިދާޅުވި އިރު މިރޭގެ ޖަލްސާގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އިގްތިސާދީ ގޮތުން ދުނިޔެ ކިތަންމެ ބަވަނަ ވެފައިވީ ނަމަވެސް ސިޔާސީ ގޮތުން ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ އަމިއްލަ ވަންތަކަން ދަމަހައްޓާ ކަމަށާއި އެކުވެރި ގައުމުތަކަށް ވެސް ނުވަދެވޭ ސިޔާސީ ދޮރުތަކެއް ހުންނާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގައުމުގެ ސިޔާސީ ދޮރުތައް "ތަންމިނަށް" ހުޅުވާ ނުދެއްވާތީ އެކަމާ ކަންބޮޑުވާ އަހުން މި ގައުމުގައި ވެސް އެބަ ތިބި ކަމަށެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި ފާޅުގައި ކުށްކުރާ މީހުންނަށް ޝަރީއަތް ހިންގިގެން ނުވާނެ ކަމަށް ބުނާ ފަހަރު ވެސް އަންނަ ކަމަށް އުމަރު ވިދާޅުވި އެވެ.