25 Mar 2015, 21:36
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑު މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނުރައްކާތެރި ހަތިޔާރު އެތެރެކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމުގައި ނާޒިމްގެ ވަކީލުންގެ އެދިލެއްވުމުގެ މަތިން ހެކިންގެ ރެކޯޑިން އަޑުއެހުމަށް ފުރުސަތު ދިނުމުގެ ގޮތުން ޚުލާސާ ބަޔާން އިއްވުން މާދަމާއަށް ފަސްކޮށްފި އެވެ.
ނާޒިމްގެ ވަކީލުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެދިލެއްވީ ދިފާއީ ހެކި ބިނާ ކުރުމަށް އެކަށީގެންވާ ވަގުތު ލިބިފައި ނުވާތީ އިތުރު ފުރުސަތު ދެއްވުމަށެވެ. އަދި ރިކޯޑިންގް އަޑުއެހުމަށް ބޭނުން ފުޅުވާކަން ވަނީ ފާހަގަކުރައްވާފަ އެވެ. ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވީ މާދަމާގެ ހަތަރެއް ޖެހުމާއި ހަމައަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި މާދަމާ ދެފަރާތުންވެސް ޚުލާސާ ބަޔާން އިއްވަން ޖެހޭނެ ކަމަށެވެ.
މިރޭ ހުލާސާ ބަޔާން އިއްވުމަށް ފުރުސަތު ދިނުމުގެ ކުރިން ދައުލަތުން ހުށަހަޅާފައިވާ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓުގެ ފޮޓޯތައް މުރާޖާކޮށް ވާހަކަފުޅުދެއްކެވުމަށް ނާޒިމްގެ ވަކީލުންނަށް ފުރުސަތު ދެއްވުމުން، މައުމޫނު ހަމީދު ވިދާޅުވީ ފޮޓޯތައް ސާފު ނުވާތީ އޭގައި ވާ އެއްޗެއް މާ ބޮޑަށް ނޭނގޭ ކަމަށެވެ. އަދި އެނގުނު މިންވަރުން ޗެއިން އޮފް ކަސްޓަޑީއާ ބެހޭ ގޮތުން މައުމޫނު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
ފުލުހުންގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓުގައި ހުރި ބައެއް ކަންކަން ފާހަގަކުރައްވައި މައުމޫނު ހަމީދު ވިދާޅުވީ އެ ރިޕޯޓުގެ ބައެއް ހިސާބުތަކުގައި ހުސް ގޮޅިތަކެއް އެބަ ހުރި ކަމަށާއި، ނާޒިމްގެ ގެއިން ފެނުނު ހުރިހާ ހަތިޔާރަކާއި ހަވާލުވި މީހުންގެ މައުލޫމާތާއި އެކު އެގޮޅިތައް ފުރިހަމަ ކޮށްފައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި ވަކި ހިސާބަކުން ތަކެއްޗާ ހަވާލުވި މީހުންގެ މައުލޫމާތު ނޭނގޭކަން މައުމޫނު ހަމީދު ފާހަގަ ކުރެއްވި އެވެ.
ދިފާއުގައި ދައުލަތުގެ ވަކީލު އާދަމް އާރިފް ވިދާޅުވީ ހުސްގޮޅިތަކުގެ މާނައަކީ އޭގެ ފަހުން އެއެއްޗިހި އެއްވެސް ފަރާތަކުން ނަގާފައި ނުވުން ކަމަށެވެ. އަދި ނާޒިމްގެ ވަކީލުން ގަނޑުތަށް ރަނގަޅަށް ތަރުތީބު ނުކުރެއްވުމުގެ ސަބަބުން އޮޅުން އެރީކަމަށް އާރިފް ވިދާޅުވި އެވެ.

މިރޭ ބޭއްވުނު ޝަރީއަތުގެ މަޖިލީހަށް ނާޒިމް ކޯޓަށް ހާޒިރުވަނީ -- ސަން ފޮޓޯ -- އަލީ ނަސީރު
ނާޒިމްގެ ގެއިން ފެނުނު ހަތިޔާރާ ފުލުހުން ހަވާލުވުމަށް ފަހު އެތަކެތި ފުލުސް އޮފީހަށް ގެންގޮސް އެހެން ބަޔަކާ ހަވާލުކުރުމަށް ހަ ގަޑި އިރާއި ނުވަ ގަޑި އިރު ވެފައިވާކަން ފާހަގަކުރައްވައި ނާޒިމްގެ ވަކީލު މައުމޫނު ހަމީދު ވިދާޅުވީ އެހާ ވަގުތު ނެގި ސަބަބެއް އޮޅުންފިލުވުމަށް އަނެއްކާވެސް ހެކިން ހާޒިރުކުރަން ބޭނުންވާ ކަމަށެވެ.
ޗެއިން އޮފް ކަސްޓަޑީ ރިޕޯޓަށް ބެއްލެވުމަށް ފަހު މައުމޫނު ހަމީދު ވިދާޅުވީ ނާޒިމްގެ ގެއިން ފެނުނު ހަތިޔާރު ސީލްކޮށްގެން ގެންގޮސްފައި ވަނީ 18 ޖެނުއަރީ ދުވަހުގެ ރޭ 3:40 ހާއިރު ކަމަށާއި ފުލުހުންގެ މުއައްސަސާއިން އެއާއި ހަވާލުވެފައި ވަނީ 6:00 ގައި ކަމަށެވެ. އަދި ނާޒިމްގެ ގެއިން ގެންދިޔަ އެކި ތަކެއްޗާއި ފުލުސް އޮފީހުން ހަވާލުވެފައި ވަނީ އެކި ގަޑިތަކުގައި ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.
ނާޒިމް ދިރިއުޅުއްވި ގެ ގ. އެނިފް ގޭގެ އަށްވަނަ ފަންގިފިލާގެ އެޕާޓްމެންޓް ބީ އިން ފެނުނު ޕެންޑްރައިވް އާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން މައުމޫނު ހަމީދު ވިދާޅުވީ ޕެން ޑްރައިވްގައި ހުރި މައުލޫމާތު އެންމެ ފަހުން ބަލާފައި ވަނީ 2014 ފެބުރުއަރީ ގައި ކަން ޗެއިން އޮފް ކަސްޓަޑީ ރިޕޯޓުން އެނގޭ ކަމަށެވެ. އަދި އެއީ ކޮން ތާރީޚެއް ކަން ސުވާލުކުރުމަށް ޑިޖިޓަލް އެވިޑެންސް ރިޕޯޓު ތައްޔާރު ކުރެއްވި އަމީން އަބްދުލް ގައްޔޫމު އަނެއްކާވެސް ހާޒިރުކުރަން ބޭނުންވާ ކަމަށް މައުމޫނު ހަމީދު ވިދާޅުވިއެވެ.
ދިފާއުގައި ދައުލަތުގެ ވަކީލު އާރިފު ވިދާޅުވީ ޗެއިން އޮފް ކަސްޓަޑީން އެނގޭނީ ހަމައެކަނި ޕެންޑްރައިވްއާ ހަވާލުވި މީހުންގެ މައުލޫމާތު ކަމަށާއި އޭގައި ހުރި މައުލޫމާތުތަކުން އެ ބެލީ ކޮންއިރަކުކަން އެނގެން ނޯންނާނެ ކަމަށެވެ.
ޗެއިން އޮފް ކަސްޓަޑީ ރިޕޯޓުގެ އިތުރުން ދައުލަތުން ހެކީގެގޮތުގައި ހުށަހަޅާފައިވާ ފޮޓޯތަކާ ބެހޭގޮތުން މައުމޫން ހަމީދު ވިދާޅުވީ އެ ފޮޓޯ ތަކަކީ އެއްވެސް އެއްޗެއް ސާބިތުކުރުމަށް ހެކީގެ ގޮތުގައި ހުށަހެޅޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ފޮޓޯތަކުގެ ސޮފްޓާއި، ފޮޓޯތައް ހުރި ކާޑު ލިބުމުން ނޫނީ ފޮޓޯތަކުގެ އަސްލު ގަބޫލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.