މިރޭވެސް މާލޭގައި ބިދޭސީއަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 7:10 އެހައިކަންހާއިރު އޮޓޯގަރާޖު ކައިރީގައި ހިންގި މާރާމާރީއެއްގައި ބިދޭސީއެއްގެ އަތަށް ވަޅިން ހަމަލާދީފައިވާ ކަމަށެވެ.

އެ މާރާމާރީގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި އެ މީހާއަށް ފަރުވާދެމުން އަންނަ ކަމަށާއި އެހާ ބޮޑެތި ޒަޚަމްތަކެއް ބިދޭސީ މީހާއަށް ލިބިފައިނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ބިދޭސީންނަށް ހަމަލާދިނުން މިވަނީ އިތުރުވެފަ އެވެ. އެގޮތުން މާލޭގެ ދެ ސަރަހައްދަކުން ރޭ ވަނީ ދެ ބިދޭސީއަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފަ އެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ އއ. ތޮއްޑޫގައި ވެސް ޒަޚަމްތަކަކާ އެކު މަރުވެފައި އޮތް ބިދޭސީއަކު ވަނީ ފެނިފައެވެ.

މީގެއިތުރުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ އާ ހާބަރުގައި ހުންނަ ޅިޔަނުކެފޭގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ބަނގުލަދޭޝްގެ ރައްޔިތަކަށް މޫނުނިވާކޮށްގެން ތިބިބަޔަކު ތޫނުއެއްޗަކުން ހަމަލާދީ ވަނީ މަރާލާފައެވެ.