20 Feb 2011, 14:18
ލ. ހިތަދޫގައި ބަނގުރާ ތައްޔާރު ކުރަނިކޮށް އުމުރުން 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ އިރާކޮޅު ހިތަދޫ ވަލުތެރޭގައި ބަނގުރާ ތައްޔާރު ކުރުމުގެ މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން ބަނގުރާ ތައްޔާރު ކުރުމަށް ގެންގުޅުނު ތަކެއްޗާ އެކު، އުމުރުން 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ބަނގުރާ ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދިޔައީ ކުނަހަންދު އާއި ހިތަދޫއާ ގުޅޭ ހިސާބުގައިވާ ވަލުތެރެއިން. އޭނާ ހައްޔަރު ކުރި ތަނުން ބަނގުރާ ތައްޔާރު ކުރުމަށް ގެންގުޅޭ ސިލިންޖަރެއް ފުލުހުގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ." ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ބަނގުރާ ތައްޔާރު ކުރުމުގައި އެ ކުއްޖާއާ އެކު އިތުރު ބަޔަކު ޝާމިލްވާ ކަމެއް އަދި ނޭނގޭ ކަމަށެވެ. ނަމަވެސް ތަހުގީ ކުރިޔައްދާތީ އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ބަނގުރާ ތައްޔާރު ކުރަނިކޮށް, ހިތަދޫން ކުއްޖަކު ރޭ ހައްޔަރުކޮށްފައިވާ އިރު، މިދިޔަ ޑިސެންބަރު މަހު އެ އަތޮޅު ގަމު ތުނޑީ އަވަށު ގެއެއްގެ ބަދިގެ ތެރޭގައި ބަނގުރާ ތައްޔާރުކުރަން އުޅުނު އެއްބަނޑު އެއްބަފާ ދެބެން ފުލުހުން ހައްޔަރުކޮށްފައިވެ އެވެ.