ސެމްސަން އިން އަންނަ މަހު ދިހައެއްގައި ދުނިޔޭގެ ބާޒާރަށް ނެރެން ހަމަޖެހިފައިވާ ގެލެކްސީ އެސް 6 އަދި ގެލެކްސީ އެސް 6 އެޖް ފޯނު ދިރާގު ކަސްޓަމަރުންނަށް އިންސްޓޯލްމަންޓަށް ލިބޭނެ ކަަމަށް ދިރާގުގެ އެސިސްޓެންޓް މެނޭޖާ މާކެޓިން ޕަބްލިކް ރިލޭޝަންސް އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވެއްޖެ އެވެ.

ދިރާގުގެ މައި އޮފީހުގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި އިމްޖާދު ވިދާޅުވީ، މި ފޯނުތަކަަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ސެމްސަން އާ ފޯނު ގަންނަ ފަރާތްތަކަށް ދިރާގުން ވަނީ، ހަމައެކަނި ދިރާގު ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ތަފާތު ޕެކޭޖްތަކެއް ތައާރަފްކޮށްފައެވެ. މީގެ ތެރޭގައި 6، 9 އަދި 12 މަހުން ފައިސާ ދައްކާ ޕެކޭޖްތައް ހިމެނެއެވެ. މި ފޯނުތައް ވިއްކަމުންދާނީ ދިރާގުގެ ޕޯސްޓް ޕެއިޑް ޕެކޭޖްތަކާ އެއްކޮށެވެެ.

ފޯނަށް މަހުންމަހަށް ދައްކަންޖެހޭ ފައިސާ ކޮންމެ މަހެއްގެ ބިލްގައި ހިމެނޭނެ ކަމަށް އިމްޖާދު ވިދާޅުވި އެވެ.

" މާލޭގަ ހުންނަވައިގެން، ގްލޯބަލް ލޯންޗާއި އެކު މި ފޯނު ލިބުމުގެ ފުރުސަތު މިހާރު މިވަނީ ތަނަވަސްވެފައި. ވަރަށް އަގުހެޔޮކަމާއެކު ޖީބަށްލުއިކޮށް އަގުހެޔޮކޮށް މިކަން ވާން އެބައޮތް،" އިމްޖާދު ވިދާޅުވި އެވެ.

ސެމްސަން އިން އަލަށް ނެރޭ ފޯނުތައް އިންސްޓޯލްމަންޓަށް ދޫކުރުމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ދިރާގު

ސެމްސަން ފޯނަށް ޕްރީ އޯޑަރު ކުރާ ކޮންމެ ފަރާތަކަށް ވަޔަލެސް ޗާޖަރެއް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސެމްސަންގެ ރާއްޖޭގެ ނެޝަނަލް ޑިސްޓިރިބިއުޓާ ހައިކް މޯލްޑިވްސްގެ ޑިރެކްޓަރު އަނީކު ޖަލާލީ ވިދާޅުވި އެވެ. އަދި މި ފޯނަށް ދެ އަހަރުގެ ވޮރަންޓީ އެއް ލިބޭނެ ކަމަށް އަނީކު ވިދާޅުވި އެވެ. މި ފޯނު އެއް ފަހަރާ ފައިސާ ދައްކާފައި ގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ދިރާގު މެދުވެރިކޮށް ނުވަތަ ސީދާ ހައިކުން ވެސް ފޯނުލިބޭނެއެވެ. ސެމްސަން އެސް 6 ވިއްކާނީ 13030 ރުފިޔާ އަށެވެ. އަދި ގެލަކްސީ އެސް 6 އެޖް ވިއްކާނީ 15375 ރުފިޔާ އަށެވެ.

ސެމްސަން އިން އަލަށް ނެރޭ ފޯނު ބައިނަލް އަގުވާމީ ބާޒާރަށް ނެރެން ހަމަޖެހިފައި ވަނީ 10 އެޕްރީލްގައެވެ.