25 Mar 2015, 20:43
ސިލްސިލާކޮށް މާލޭގައި މުޒާހަރާ ކުރަމުންދާތީ ކުށްކުރުން އިތުރުވަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސެންޓްރަލް އޮޕަރޭޝަން ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ކޮންމެ ރެއަކު މާލޭގައި މުޒަހަރާތައް ކުރަމުންދާތީ މާލޭގެ މަގުތައް މަތީ ކުށްކުރުން އިތުރުވަމުން އަންނަ ކަމަށެވެ.
"މުޒާހަރާ ކުރަމުންދާތީވެ މާލޭގެ މަގުތަކުގައި ކުށްކުރުމުގެ ކަންތައްތައް ދަނީ އިތުރުވަމުން. އޭގެ ތެރޭގައި ވައްކަމާއި ފޭރުމާއި މާރާމާރީ ދަނީ ކޮންމެ ރެއަކުވެސް އިތުރުވަމުން،" ނަވީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް ކުށްކުރުން ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އިތުރުވަމުން ގޮސްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ނަވީން ވިދާޅުވީ، އެގޮތަށް ކުށްކުރުން އިތުރުވަމުން ދަނީ މުޒާހަރާތަކުގައި ފުލުހުންގެ ރޯލް އަދާ ކުރުމަށާއި މުޒާހަރާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ ރިސޯސަސް ބޭނުން ކުރަން ޖެހުމުން ކަމަށެވެ. އެގޮތުން އެކަމުގެ ސަބަބުން މާލެތެރެ ޕެޓްރޯލް ކުރާ ކުދިން ދަނީ މަދުވަމުން ކަމަށް ނަވީން ވިދާޅުވި އެވެ.
ނަވީން ވިދާޅުވީ، ސިލްސިލާ މުޒާހަރާ ކުރަމުންދާތީ އެމުޒާހަރާތަކުގައި ބައިވެރިވާ ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަނުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންއަށް ވެސް އެކަންކަން ހައްލު ކޮށްދިނުމަށް އަންގަމުންދާ ކަމަށެވެ.
"... ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ތަކުރާރުކޮށް ހައްލުކޮށްދިނުމަށް އެދި އަންގަމުން، ސިޓީގެ ޒަރީޔާއިން ފޮނުވާފައިވާނީ، އަދި މިހާތަނަށް ހިއުމަންރައިޓްސް ކޮމިޝަނަކުން އަދި އިލެކްޝަން ކޮމިޝަނަކުންވެސް ވަކި ފިޔަވަޅެއް މިވެނިގޮތަކަށް އަޅައިފި ކަމަކަށް އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވާފައެއް ނުވޭ." ނަވީން ވިދާޅުވި އެވެ.
ރޭ ކުރި މުޒާހަރާގައި 11 ޖެހުމުން އަޑުގަދަ ކުރާ ބޭނުން ނުކުރަން އަންގަން ދިޔަ ފުުލުހުންގެ ތެރެއިން ފުލުހުކަށް ހަމަލާދީ ބޯފަޅާލާފައިވާކަމަށްވެސް ނަވީން ވިދާޅުވި އެވެ. އަދި އެ ފުލުސް މީހާއަށް ފަރުވާއަށްފަހު ރެއިން ރެއަށް ވަނީ ދޫކޮށްލާފައިކަމަށްވެސް ނަވީން ވިދާޅުވި އެވެ.