25 Mar 2015, 18:36
މާލޭގެ އެކިތަންތަނުގައި އަލިފާން ރޯކުރުމަށް ރާވަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސެންޓްރަލް އޮޕަރޭޝަން ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މާލޭގެ އެކި ތަންތަނުގައި އަލިފާން ޖެހުމަށް ރާވާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާއިރު އެ މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ.
"މާލޭގައި ހުސްކޮށް ހުންނަ ތަންތަނާއި އަދި ބަންދުކޮށްފައި ބޭނުން ނުކޮށް ހުންނަ ތަންތަނުގައި އަލިފާން ޖެހުމުގެ ސިލްސިލާ ކަންތައްތަކެއް ހިންގުމަށްޓަކައި ރާވަމުންދާ ކަމުގެ މައުލޫމާތުވެސް ފުލުހުންނަށް ލިބުމުން އެކަންތައްތައް ދަނީ ބަލަމުން،" ނަވީން ވިދާޅުވި އެވެ.
އަލިފާން ޖަހަން ބަޔަކު ރާވާނަމަ ފުލުހުންގެ ތައްޔާރީތަކާއި ގުޅޭގޮތުން ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަވީން ވިދާޅުވީ، އަލިފާން ރޯކޮށްފާނެކަމަށް ބެލެވޭ ތަންތަން ސިފައިންނާއި ގުޅިގެން ބަލަހައްޓަމުންދާ ކަމަށެވެ.
ފަހަކަށް އައިސް ބިދޭސީންނަށް ހަމަލާދެނީ އެމީހުންނަށް ހަމައެކަނި އަނިޔާ ދިނުމުގެގޮތުން ކަމަށާއި އެއީ ރަށުތެރޭގައި ބިރުވެރިކަން އިތުރުކުރުމަށް ބަޔަކު ރާވައިގެން ކުރާ ކަންތައްތަކެއް ކަމަށް ވެސް ނަވީން ވިދާޅުވި އެވެ.
ބިދޭސީންނަށް ހަމަލާދޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި ނަމަވެސް އެމައްސަލަތަކުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ނަވީން ވިދާޅުވި އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އެއްރެއެއްގެ މަތިން މާލޭގެ ދެ ސަރަައްދެއްގައި އަލިފާނުގެ ދެ ހާދިސާއެއް ހިންގާފައިވާއިރު ރޭ ހިންގި މާރާމާރީއެއްގައި ދެ ބިދޭސީއަކު ޒަހަމްކޮށްލާފައިވާ އިރު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަނީ ބިދޭސީއަކަށް ހަމަލާދީ މަރާލާފަ އެވެ. އަދި ހޯމަ ދުވަހު ވެސް ވަނީ ޒަހަމްތަކަކާ އެކު މަރުވެފައި އޮތް ބިދޭސީއަކު ތޮއްޑޫން ފެނިފަ އެވެ.