25 Mar 2015, 18:50
މާދަމާ ރޭ ރާއްޖޭގެ ގައުމީ ޓީމް ތަޖަކިސްތާނާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއްގައި ނިކުންނައިރު، އެ މެޗަކީ ރާއްޖޭގެ ޓީމަށް ރަހުމަތްތެރިކަމުގެ މެޗެއް ކަމަށް ނުދެކޭ ކަމަށް ގައުމީ ޓީމާ މިއަހަރު ހަވާލުވި ކޯޗް ވެލިޒާ ޕޮޕޯފް ބުނެފި އެވެ.
ޕޮޕޯފް ބުނީ، މެޗެއްގެ ކުރިއަށް "ރަހުމަތްތެރި" އައިނަމަވެސް، ގައުމީ ޓީމު ކުޅޭ އެއްވެސް މެޗަކީ ހަގީގަތުގައި ރަހުމަތްތެރިކަމުގެ މެޗެއްކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި އެ ސަބަބައްޓަކާ މި މެޗުން މޮޅުވުމަކީ މުހިންމު ކަމެއް ކަމަށް ޕޮޕޯފް ބުންޏެވެ.
"ރަހުމަތްތެރި އޭ ބުންޏަސް ހަގީގަތުގައި މިއީ ރަހުމަތްތެރިކަމުގެ މެޗެއް ނޫން. ގައުމީ ޓީމް ކުޅޭ އެއްވެސް މެޗަކީ ރަހުމަތްތެރިކަމުގެ މެޗަކަށް ނުވާނެ. އެއީ ގައުމީ ޓީމުގައި މެޗަކަށް ނިކުންނައިރު ތިމާ ކުޅޭނީ ކްލަބަކަށް. ނޫނީ ވަކި ސަޕޯޓަރުންތަކަކަށްޓަކައެއް ނޫން. ގައުމީ ޓީމުގައި ތިމާ ކުޅޭނީ ގައުމައްޓަކައި. އެހެން ކަމުން މި މެޗު ކާމިޔާބު ކުރުމަކީހަމަ ވަރަށް މުހިންމު ކަމެއް،" ޕޮޕޯފް ބުންޏެވެ.
ރާއްޖެއާއި ތަޖަކިސްތާނު މާދަމާ ރޭ ކުޅޭ މެޗު ފީފާ މެޗް ޑޭސް ތެރޭގައި ގުނޭއިރު، އެ މެޗަކީ ދުނިޔޭގެ ރޭންކިންގައި ރާއްޖޭގެ ރޭންކިންއަށް ވެސް އަސަރު ކުރާނެ މެޗެކެވެ. ނަމަވެސް ޕޮޕޯފް ވަނީ މި މެޗުގައި ފީފާ ރޭންކިން އޭނާއަށް މުހިންމު ނޫން ކަމަށާއި، މުހިންމީ ޖޫން މަހު އޮންނަ ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ޓީމް ތައްޔާރު ކުރުން ކަމަށް ބުނެފައެވެ.
"ރޭންކިން އިތުރުކުރަން ވިސްނަންޏާ ކުޅެން ޖެހޭނީ އަމިއްލަ ޓީމަށްވުރެ ދަށް ފެންވަރުގެ ޓީމްތަކާ ދެކޮޅަށް. ތަޖަކިސްތާނު ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް. އެ ޓީމް ވަނީ މިދިޔަ އަހަރު ވަރަށް ބޮޑުތަން އިމްޕްރޫވް ކޮށްފަ. އެހެން ކަމުން މިއީ ފަސޭހަ މެޗަކަށް ނުވާނެ. މި މެޗުގައި އަހަރެންގެ މަގްސަދަކީ ރޭންކިން އެއް ނޫން. އަހަރެން ބަލަން ބޭނުމީ ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ޓީމް ތައްޔާރުވެ އޮތް މިންވަރު،" ޕޮޕޯފް ބުންޏެވެ.
ގައުމީ ޓީމާ ބެހޭ ގޮތުން މައުލޫމާތު ދެމުން ޕޮޕޯފް ވަނީ މާދަމާގެ މެޗަށް ގައުމީ ޓީމް ނިކުންނާނީ މުހިންމު ވަރަށް ގިނަ ކުޅުންތެރިންތަކަކާ ނުލައިކަން ފާހަގަ ކޮށްފައެވެ. ނަމަވެސް ޓީމާއެކު ކުރިއަށް ގެންދެވުނު ތަމްރީނުތަކަށް ބަލާއިރު، ޓީމާ މެދު ހިތްހަމަ ޖެހޭ ކަމަށް ޕޮޕޯފް ބުންޏެވެ.
"ގައުމީ ޓީމާ ހަވާލުވުމަށް ފަހު މިއީ އަހަރެން އަހަރެންގެ ފުރަތަމަ މެޗާ ކުރިމަތިލާން ބޭނުންވި ގޮތެއް ނޫން. އަޝްފާގު ހުރީ އިންޖަރީގައި، ސެންޓޭވެސް މި މެޗުގައި ނުކުޅެވޭނެ. އޮއްޕޮވެސް މި މަޗަކުން ނުފެންނާނެ. އޭގެ އިތުރުން ފުލް ޓީމާއެކު ތައްޔަރުވެލަން މި ލިބުނީ ހަފްތާއެއްހާ ދުވަސް. ކުރިއަށް ގެންދެވުނީ ހަމައެކަނި ހަތަރު ފަސްވަރަކަށް ޕްރެކްޓިކަލް ޓްރެއިނިންގް ސެޝަން،" ޕޮޕޯފް ބުންޏެވެ.
"ނަމަވެސް ޓީމާމެދު ހިތްހަމަ ޖެހޭ. ތަމްރީނުތަކުގައި ޓީމުގެ ޕާފޯމެންސް ވަރަށް ރަނގަޅު. އުންމީދު ކުރަނީ މާދަމާގެ މެޗުން ތަމްރީނުތަކުގައި ފެނުނު ފަދަ ކުޅުމެއް ކުޅުންތެރިންގެ ފަރާތުން ފެންނާނެ ކަމަށް."
އޭގެ އިތުރުން ޕޮޕޯފް ވަނީ ވީހާވެސް ގިނަ ސަޕޯޓަރުން ގައުމީ ޓީމަށް ސަޕޯޓު ކޮށްދޭން ދަނޑަށް ދިޔުމަށް އެދިފައެވެ.