25 Mar 2015, 16:30
އެމްޑީޕީ އިން ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ހައްޔަރުކުރި ޗެނަލް ވަންގެ ޖާނަލިސްޓް މުހައްމަދު ނިޔާޒުގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ނިޔާޒުގެ ބަންދަށް ފަސް ދުވަސް ޖަހާފައި ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިޔުމުން ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
ނިޔާޒުގެ އިތުރުން އިތުރު ދެ މީހަކު ވެސް ރޭގެ މުޒާހަރާގައި ފުލުހުން ހައްޔަރުކުރި އެވެ. އެ ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ކަމަށާއި އަނެއް މީހާ ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.