25 Mar 2015, 16:29
ސައިކަލާއި ގާމެންޓްސްގެ ޑިއުޓީ 50 ޕަސެންޓަށް ވުރެ ކުޑަކުރުމަށް ސަރުކާރުން މިހާރު މަޝްވަރާކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕާއި އިކޮނޮމިކް މިނިސްޓަރާއެކު ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުމަކަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ޑިއުޓީގެ ގޮތުން ރައްޔިތުންނަށް ދެވެން އޮތް ހުރިހާ ލުއެއް ދިނުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ބޭނުންވާ ކަމަށާއި، އެގޮތުން ސައިކަލާއި ގާމެންޓްސްގެ ޑިއުޓީ ކުޑަ ކުރުމަށް ރިވިއު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށެވެ.
"ސައިކަލުތަށް އަދި ގާމެންޓްސްތަކާ ބެހޭ ގޮތުން އަޅުގަނޑުމެން މި ދަނީ ރިވިއު ކުރަމުން، ނިންމާ ގޮތް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އިއުލާނު ކުރާނަން"
"ސައިކަލުތަކާއި ގާމެންޓްސްއަށް ގެނެވޭ ލުޔަކީ މިދަނޑިވަޅަށް ހަމަ އެންމެ އެކަށޭނަ ލުޔަކަށް ވެގެން ދާނެ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ސައިކަލާއި ގާމެންޓްސް އަށް އިތުރު ކުރެވުނު ޑިއުޓީ ކުޑަ ކުރެވުނަށް ސަރުކާރުގެ ބަޖެޓަކަށް އެއްވެސް ލޮޅުމެއް ނާންނާނެ ކަމަށެވެ. އަދި ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫއުތަށް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ރައްޔިތުންނާއި އަދި ގިނަ އަދަދެއްގެ ޒުވާނުންގެ އަސާސީ ވަސީލަތެއްގެ ގޮތުގައި ސައިކަލު އަދި ގާމެންޓްސް ހިމެނިގެން ދާ ކަމަށާއި، އެ ދެ މާއްދާއިން އިތުރު ކުރެވުނު ބައި ސަރުކާރުން ރިވިއު ކުރެއްވުމަށް ފަހު އެޔަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ އިގްތިސާދު ހަރުދަނާ ރަނގަޅު ހާލަތަށް ގެންދިއުމަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ނިހާން ވަނީ ވިދާޅުވެފަ އެވެ.