25 Mar 2015, 16:20
ގާނޫނު އަސާސީ އިން ލިބިދޭ ހައްގުތައް ބޭނުންކުރުމުގައި އެމްޑީޕީ އަށް ދިމާވާ ހުރަސްތަކުން އެ ޕާޓީ ސަލާމަތް ކުރުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ވަނީ ފިތިފައި ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.
އެޗްއާރްސީއެމްގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝިފާޒު ވިދާޅުވީ އެ ކޮމިޝަން ފެނިގެން ދަނީ މިނިވަންކަން ގެއްލިފައިވާ މުއައްސަސާއެއްގެ ގޮތުގައި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޕާޓީގެ 150 އަށް ވުރެ ގިނަ މީހުންނަށް 60 ދުވަސް ވަންދެން މުޒާހަރާ ނުކުރުމަށް ކްރިމިނަލް ކޯޓުން ޝަރުތުކޮށްފައި ވާތީ، އެ މައްސަލަ އެޗްއާރްސީއެމަށް ހުށަހެޅިތާ އެތަކެއް ދުވަސް ވެގެންދިޔަ އިރު ވެސް މައްސަލަ ބަލައި ނިމިފައިނުވާ ކަމަށެވެ.
"އެބޭފުޅުން ވިދާޅުވީ އެކަމުގައި މަޝްވަރާ ކުރަމުންނޭ މިދަނީ. ވަރަށް އަވަހަށް ލީގަލް ރިވިއުއެއް އެކަމުގައި ލިބޭނެއޭ. އެ ކޮމިޝަން އެ އޮތީ ލީގަލް ރިވިއުއެއްގައި ތާށިވެފައި،" ޝިފާޒު ވިދާޅުވި އެވެ.
މުޒާހަރާތަކަށް ނުދިޔުމަށް ޝަރުތުކުރި މައްސަލަ އާންމު ފަރުދުން ވެސް އެޗްއާރްސީއެމަށް ހުށަހަޅާފައިވާ ކަމަށާއި މުޒާހަރާ ނުކުރުމަށް ޝަރުތުކުރުމަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި އެއްވެސް ގޮތަކަށް ބަޔާންކޮށްފައިވާ ކަމެއް ނޫން ކަމަށް ޝިފާޒު ވިދާޅުވި އެވެ.