25 Mar 2015, 16:17
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ އެއް މަސް ދުވަސް ވަންދެން އެއްވުންތަކަށް ނުދެވޭ ގޮތަށް ޝަރުތުކޮށް ދޫކޮށްލައިފައިވަނިކޮށް މިދިޔަ ހޯމަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ބައިވެރިވުމުންނެވެ.
ދީދީ އެ ރޭ ވިދާޅުވީ އެއްވުންތަކަށް ނުދިޔުމަށް ކޯޓުން ޝަރުތު ނުކުރެވޭނެ ކަމަށާއި މުޒާހަރާއިން އޭނާ ހައްޔަރު ކުރުމުން ފުލުހުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ކޯޓް އަމުރެއްގެ ދަށުން މިއަދު ހަވީރުގެ ވަގުތެއްގައި ދީދީ ހައްޔަރުކޮށްފައިވާ ކަމަށެވެ. ދީދީ ހައްޔަރުކޮށްފައިވާ ސަބަބެއް ފުލުހުން ހާމަނުކޮށް ވިދާޅުވީ ދީދީ ހައްޔަރު ކުރީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ދީދީ ހައްޔަރުކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ބޭއްވި މުޒާހަރާގަ އެވެ. އެފަހަރު އޭނާ ހައްޔަރު ކުރުމަށްފަހު ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ. އެއަށްފަހު މިމަހުގެ 10 ވަނަ ދުވަހު އޭނާ ދޫކޮށްލީ އެއް މަސްވަންދެން އެއްވުންތަކަށް ނުދާން ޝަރުތުކޮށްފައެވެ.