ރަށާ ކައިރީގައި އޮތް ފަޅުރަށް، ކަނޑިންމައިން "އަތު ބޮމެއް" ފެނުމާއި އޭގެ ކުރިން އެފަދަ އަށެއްކަ "ބޮން" އެރަށުން ފެނުނު ހަބަރުތައް ހަލުއި ކަމާއެކު ފެތުރިގަނެ ސަލާމަތީ ބާރުތަކުން ފަޅު ރަށަށަށް އަރައި ތަހުގީގުތައް ފެށުމުން ގާތްގަގަނޑަކަށް 200 އެއްހާ މީހުން އުޅޭ ދ. ވާނީއަށް އިއްޔެއަކީ އާދައިގެ ދުވަހަކަށް ނުވި އެވެ.


View Larger Map

"އިއްޔެއަކީ ބޮޑު ދުވަހެއް. އެންމެނަށް ލިބުނީ ޝޮކެއް، އަދިވެސް ވާނީ ކިހިނެއް ކަމެއް ނޭނގޭ،" "ބޮން" ފެނުނު އަލީ މޫސާ 22، ބުންޏެވެ.

އަތު ބޮމެއް ކަމަށް ބެލެވޭ އެތި ފެނުނު ޒުވާނާގެ ބޭބެ ޔޫސު މޫސާ މިއަދު ބުނީ ބޮމުގެ ހަބަރު ފެތުރުމާއެކު ރަށުތެރެއަށް އިއްޔެ ހަލަބޮލިކަން ވެރިވެ އުމުރުން ދުވަސްވީ މީހުން ވަރަށް ބޮޑަށް ބިރުގެންފައިވާ ކަމަށެވެ.

"މުސްކުޅި އުމުރުގެ ގިނަ މީހުންނަށްވީ ވަރަށް ބޮޑު ޝޮކަކަށް، ބައެއް މީހުން ވަނީ ހިސާބަކަށް ބިރުގެންފައި، އެކަމަކު ޒުވާން ކުދިންގެ ތެރޭގައި އޮތީ ހަލަބޮލިކަން އިތުރު ހަބަރަކީ ކޮބައިތޯ ބަލަން އެންމެންވެސް އުޅުނީ" ޔޫސުފު ބުންޏެވެ.

ބޮމުގެ ހަބަރާ ގުޅިގެން ވާނީގައި ބައެއެއް މީހުން އިއްޔެ ހަވީރު އާއި ރޭ ރޮއި ހެދި ކަމަށް ވެސް ޔޫސުފު ބުންޏެވެ: "އޭގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ބިރުގަނެ ރުއި. އެމީހަކީ މިރަށަށް އައިސް ހުރި ބީރައްޓެހި ހޯރަފުށީ މީހެއް. އެގޮތަށް ބިރުވެރިކަމެއް އިހުސާސްކުރި މީހުން މިރަށުގައި އެބަތިބި،"

"ބޮން" ހޮވި އަލީ މޫސާ ބުނީ ކަނޑިންމައިން އޭނާ ނެގި ބޮން ވާނީއަށް ގެނައުމާ އެކު މީހުން ޖެހިލުންވެ ބޮޑަށް ސިހުނީ ސަލާމާތީ ބާރުތަކުގެ ފުލުހުން ފަޅުރަށަށް އަރައި އިއްޔެ ހަވީރާއި ރޭގެ ބައެއްގަ އާއި މިއަދު ވެސް ތަހުގީގުކުރަމުން އަންނާތީ އާއި ވާނުވާ ނޭނގޭތީ ކަމަށެވެ.

"އިއްޔެއިން ފެށިގެން ފުލުހުން ކަނޑިންމައަށް އަރާ ރަށް ފާސްކޮށް ތަހުގީގުތައް ކުރަމުން އެބަދޭ، އޭގެ އިތުރުން މިއަދު ސިފައިންގެ ކޯސްޓް ގާޑްގައި ސިފައިން އައިސް ރަށް ފާސްކޮށް ތަހުގީގުތަކެއް ވަނީ ފަށާފައި،" އަލީ މޫސާ ބުންޏެވެ.

އޭނާ ބުނީ ތަހުގީގުތައް ކުރިޔަށްދާއިރު އިއްޔެ "ބޮން" ކަމަށް ބެލެވޭ އެތި ފެނުނުމުގެ ކުރިން އޭގެ އަށެތި ފެނިގެން ނެގުމަށްފަހު ރަށުތެރެއަށް އެއްލައިލި އެރަށުގެ އުމުރުން 22 އަހަރުގެ ހުޝާމް އަބްދުﷲ ވެސް ފަޅުރަށަށް ގެންގޮސްފައިވާ ކަމަށެވެ.

"މީހުން ތިބީ މިވަގުތު ދެންވާނީ ކިހިނެއްކަން ނޭނގިފައި، އަދިވެސް އެއީ ބޮމެއް ކަމެއް ނޫނީ ކޮންކަހަލަ ހަތިޔާތެރެއް ކަމެއް. ނޫނީ ކޯންޗެއް ކަމެއް އޮޅުން ނުފިލާތާ ވަރަށް ބޮޑަށް މިރަށު މީހުން ތިބީ ހައިރާންވަފައި،" އޭނާ ބުންޏެވެ.

ވާނީ ސްކޫލް ޓީޗަރަކު ވިދާޅުވީ "ބޮން" ފެނުމުން އެރަށުގެ ގިނަ މީހުން އެންމެ ކަންބޮޑުވީ "އޭތި ގޮވައިފގާނެތީ" ކަމަށެވެ.

"ބޮމެއްވީމާ ވަރަށް ބޮޑު ހާސްކަމެއް ލިބިނު. އެއީ އޭތި ގޮވައިފާނެތީ. އެކަމަކު ބައެއް މީހުން މީހުންނަށް ވިސްނައިދިން ބޮމަކީ ވެސް އެހެން ގޮވާ އެއްޗެއް ނޫން ކަމަށް،" އޭނާ ބުންޏެވެ.

އަތު ބޮން ކަމަށް ބެލެވޭ އަލީ މޫސާއަށް އިއްޔެ ފެނުނީ އޭނާއާ އިތުރު ބަޔަކު ކަނޑިންމަ ފަޅުތެރޭގައި ފީނަން އުޅެނިކޮށް ރައްޓެހި ކުއްޖަކު ބޮމެއް ކަހަލަ އެއްޗެހި ތަކެއް ކަންޑިމައިން ފެނުނު ކަމަށް ބުނުމުން އެކަން ޔަގީން ކުރަން ފަޅުރަށަށް އަރައިގެން އުޅެނިކޮށެވެ. އޭނާ ބުނީ އެއީ އާންމުކޮށް ޓީވީ ތަކުން ފެންނަ ބޮން ހުންނަ ވައްތަރަށް "ޖަންގަލް ގްރީން" ކުލައިގެ ވޯޓާޕްރޫފް ދަޅަކަށް ލާފައި އޮތް އެއްޗެއް ކަމަށާއި އޭނާގެ ލޮލުގައި އޭތި އަޅައިގަތީ ރަށުގެ ގަސްތަކުގެ ތެރެއިން ކަމަށެވެ.

މީގެ ކުރިން ވެސް ކަނޑިންމައިން ވަނީ އެކަހަލަ އަށް "ބޮން" ވާނީ ބަޔަކަށް ފެނި ވާނުވާ ނޭނގޭތީ ރަށުތެރެއަށް އެއްލައިލާފަ އެވެ.

"އަޅުގަނޑަށް ފެންނުނީ އެންމެ އެއްޗެއް. އޭތި ހިފައިގެން އަޅުގަނޑު ރަށަށް އައީ. އެކަމަކު އޭގެ ކުރިން ދުވަހު އެތަނަށް ދިޔަ ކުދި ބަޔަކު ބުނީ އަށެތި ފެނުނު ކަމަށް. އެކަމަކު އެމީހުންނަށް އެއީ ކިހާވަރެއްގެ އެއްޗެއްކަން ނޭންގޭތީ އުކައިލީ،" އަލީ މޫސަ ބުންޏެވެ.

އަލީ ބުނި ގޮތުގައި "ބޮން" ފެނުނުމުން 119 އަށް ގުޅުމުން އެއް ވެސް ސަމާލު ކަމެއް ދީފައި ނުވާތީ އެކަން މީހުންގެ ސަމާލު ކަމަށް ގެނައުމަށް ދ. ކުޑަ ހުވަދޫ ޕޮލިސް ސްޓޭޝަނަށާއި އެހެން ވެސް އަތޮޅުގެ އިސް ފަރާތްތަކަށް ހަބަރުކުރި އެވެ.

"އޭގެ ފަހުން "ބޮން" ހިފައިގެން ރަށަށް ގޮސް ފުލުހުންނާ ހަވާލު ކުރީ." އަލީ ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ފުލިހުން މިހާތަނަށް ބުނެފައި ވަނީ "ގްރެނެއިޑެއްކަމަށް ބެލެވޭ އެއްޗެއް ދ. އަތޮޅު ވާނީ ކައިރީގައި އޮންނަ ފަޅު ރަށަކުން ފެނިއްޖެ" ކަމަށާއި މފެނުނު އެއްޗަކީ ކޮން އެއްޗެއްކަން ދެނެގަތުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ފަށާފައިވާ ކަމަށެވެ.

ސިފައިންގެ މީޑިއާ އޮފިޝަލަށް މިވަގުތު ހުންނެވި ވޮރަންޓް އޮފިސަރު ގްރޭޑް ދޭއް އަބްދުﷲ ސައީދު މިއަދު ވިދާޅުވީ "އިއްޔެ އާންމު ކުރި މައުލޫމާތުތައް ފިޔަވައި އިތުރު އަޕްޑޭޓެއް އަދި ދެވެން ނެތް" ކަމަށެވެ.
ނަމަވެސް މޭޖާ އަބްދުއްރަހީމް އިއްޔެ ވިދާޅުވި ގޮތުގައި ބޮމުގެ ހަބާރާއެކު އެކްސްޕާޓުން ފޮނުވައިގެން މައްސަލަ ވަނީ ބަލަން ފަށައިފަ އެވެ.

"ބޮމެއް" ކަމަށް ބެލެވޭ އެތީގެ ތަހުގީގުތައް ދިޔަ ހިސާބެއް ނޭނގެ އެވެ. ނަމަވެސް ކަނޑިންމައިގައި ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ކައިރީގައި އޮތް ވާނީ މީހުން ތިބީ ދެންވާނީ ކިހިނެއްކަން ނޭނގިފަ އެވެ. އެވަރު އެނގެ އެވެ.