މިހާރު ފީފާގެ ރިޔާސަތާ ހަވާލުވެ ހުންނެވި ސެޕް ބްލެޓާ މި އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި އެ މަގާމަށް ނުހޮވިއްޖެ ނަމަ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރާނެ ގައުމެއް ހޮވުމަށް ހުޅުވާލާ ބިޑުގައި ބައިވެރިވާން ވިސްނާ ކަމަށް އިންގްލެންޑް އެފްއޭގެ ޗެއާމަން ގްރެގް ޑައިކް ވިދާޅުވެއްޖެ އެވެ.

ގްރެގް ވިދާޅުވީ، ވޯލްޑް ކަޕް ބިޑަކަށް އިންގްލެންޑް ކުރިމަތިލުން ބިނާވެފައި ވަނީ ކަންތައްތަކެއްގެ މައްޗަށް ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ ބްލެޓާ ފީފާގެ ރިޔާސަތުގައި ނުހުރުން ކަމަށެވެ. އޭގެ އިތުރުން ފީފަގެ އެކްސްކޯއަށް މިފަހަރުގެ އިންތިހާބުގައި އިންގްލެންޑުގެ ކެނޑިޑޭޓް ޑޭވިޑް ގިލް ހޮވިއްޖެނަމަ ބިޑަށް ކުރިމަތިލުމުގެ ފުރުސަތު ބޮޑުކަމަށްވެސް ގްރެގް ވިދާޅުވި އެވެ.

"ފީފާގެ އެކްސްކޯއަށް ޑޭވިޑް އިންތިހާބުވެ، އަދުލުވެރި އިންސާފުވެރި ގޮތެއްގައި ބިޑު ކުރިއަށް ގެންދާނެ ސިސްޓަމެއް އޮތްކަން އޭނާގެ ފަރާތުން ޔަގީންވުމުން ނޫނީ އިންގްލެންޑް ވޯލްޑް ކަޕް ހޯސްޓުކުރަން ބިޑަށް ކުރިމައްޗެއް ނުލާނަން. މިހާރު އެކަމުގައި އިންގްލެންޑު ގެންގުޅޭ ސިޔާސަތު ވަރަށް ސާފު. ބްލެޓާ ހުއްޓައި އަހަރުމެން ބިޑެއް ނުކުރާނަން،" ގްރެގް ވިދާޅުވި އެވެ.

ވޯލްޑް ކަޕް ހޯސްޓު ކުރުމަށް ހުޅުވާލާ ބިޑުގައި ބައިވެރިވުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ގްރެގް އިތުރަށް ވިދާޅުވީ އިންގްލެންޑުން އެކަމަށް ކުރިމަތިލާނީ ބިޑުގެ ޓައިމްޓޭބަލަށް ވިސްނާފައި ކަމަށެވެ. އަދި އެއީ ވަރަށް ގިނަ ބައެއްގެ ތާއީދު ބޭނުންވާ ކަމެއް ކަމަށް ވުމުން، އެކަމުގައި އުނދަގޫތަކެއް ހުންނާނެ ކަމަށްވެސް ގްރެގް ވަނީ ވިދާޅުވެފައެވެ.

"ވޯލްޑް ކަޕް ބިޑަށް ކުރިމަތި ލެވޭނީ ބިޑު ބާއްވާ ޓައިމްޓޭބަލަށް ވިސްނާފަ. އޭގެ އިތުރުން އެއީ ވަރަށް ގިނަ ބައެއްގެ ތާއީދު ބޭނުންވާ ކަމެއް. އެންމެ ފަހުން ބޭއްވި ބިޑުގައި ކުރިމަތި ލުމުން އިންގްލެންޑަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ. އެ ކަމަކީ ވަރަށް ފައިސާ ބޭނުންވާ ކަމެއް، އެހެން ކަމުން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން ނެތިއްޔާ ރަނގަޅުވާނީ ކުރިމަތި ނުލުން،" ގްރެގް ވިދާޅުވި އެވެ.

ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓު ކުރުމަށް ބޭއްވި ބިޑު ގަތަރަށާއި ރަޝިއާއަށް ދީފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް ގިނަ ފަރާތްތަކަކުން ތުހުމަތު ކޮށްފައި ވާއިރު، ގްރެގް ވަނީ މިހަރު ފީފާގެ ޒިންމާދަރުކަމާ މެދު ސުވާލު އުފައްދާފައެވެ.

"މިހާރު ފީފާ އަކީ އިންސާފުން ހިންގާ އިދާރާއެއް ނޫން، ކޮރަޕްޝަންގެ ތެރޭގައި ފީފާ ދެމި އޮންނަތާ އަހަރުތަކެއް ވެއްޖެ،" ގްރެގް ވިދާޅުވި އެވެ.