25 Mar 2015, 15:47
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިއްތަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު އިނގިރޭސީންނަށް ދެއްވައިފި އެވެ.
އިނގިރޭސި ސަފީރު ޖޯން ރޭންކިން ރައީސް އަރިހަށް މިއަދު ކުރެއްވި ވަދާއީ ޒިޔާރަތަށް ފަހު ރައީސް އޮފީހުން އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ "މިސަރުކާރުން ރާއްޖޭގެ ގާނޫނު އަސާސީއަށާއި ގާނޫނުތަކަށާއި ގަވާޢިދުތަކަށް ޙުރްމަތްތެރިކޮށްހިއްތަވާނެ ކަމުގެ ޔަޤީންކަން އިނގިރޭސިވިލާތުގެ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި" ކަމަށެވެ.
ރާއްޖެ އަށް އެކްރެޑިޑްކޮށް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ގާއިމްކޮށްފައި ހުންނަ އިނގިރޭސި އެމްބަސީން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ޖޯން ރޭންކިން މިއަދު ރައީސް ޔާމީން އަރިހަށް ކުރެއްވި ޒިޔާރަތުގައި ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަމާ މެދު އޮތް ކަންބޮޑުވުންތައް ފާޅުކުރައްވާފައިވާ ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމުގެ ޝަރީއަތް ހިނގި ގޮތާއި މެދުގައި ވެސް އޭނާ ކަންބޮޑުވުން ފާޅު ކުރެއްވި ކަމަށާއި އެ ދެ ބޭފުޅުންގެ ސަލާމަތްތެރިކަމާއި މެދު ރައީސް ޔާމީން ޔަގީންކަން ދެއްވި ކަމަށް ވެސް އެ ޓުވީޓްގައިވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ކުށުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، 13 އަހަރަށް ޖަލަށް ލުމަށް މިމަހުގެ 13 ވަނަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމާ ދެކޮޅަށް އުފުލާފައިވާ ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑު އެހުންތައް މިހާރު ވަނީ ނިމިފަ އެވެ.
އެ ދެ ބޭފުޅުންގެ ޝަރީއަތާއި މެދު އިނގިރޭސިވިލާތާއި ކެނެޑާއާއި ބައިނަލް އަގުވާމީ ބައެއް ޖަމާއަތްތަކުން ކުރިން ވަނީ ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.