އެފްއޭއެމުން ރާއްޖޭގެ ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ މެނޭޖަރަކަށް މައްޝޫރު ވޮލީބޯޅަ ކުޅުންތެރިޔާ މުހައްމަދު ލަތީފް ހަމަޖައްސައިފި އެވެ.

އެފްއޭއެމުން ގައުމީ ޓީމްގެ މެނޭޖަރަކަށް ލަތީފު ހަމަޖެއްސިކަން ހާމަކޮށްފައި ވަނީ މިއަދު އެވެ. އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލަތީފް އެ މަގާމަށް ހަމަޖައްސަން ނިންމީ ނޯމަލައިޒޭޝަން ކޮމިޓީން އެކަމަށް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

ލަތީފު އަކީ މީގެ ކުރިން ގައުމީ ފެންވަރުގައި ގިނަ ދުވަސްތަކެއް ވަންދެން ވޮލީބޯޅަ ކުޅެފައިވާ ބޭފުޅެކެވެ. އަދި އޭގެ އިތުރުން އޭނާއަކީ އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) ވުޖޫދަށް ގެނެވުމުގައި އިސް ދައުރެއް އަދާކުރި އެ ކްލަބުގެ އޮފިޝަލެކެވެ.

އެއާލައިން އިންޑަސްޓްރީގައި 17 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ލަތީފަކީ އެ އިންޑަސްޓްރީގެ މެނޭޖްމަންޓު ލެވަލްގައި 10 އަހަރު ދުވަސް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ލަތީފް އަކީ މިހާރުވެސް އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރުކަން އަދާކުރައްވަމުން ދާ ބޭފުޅެކެވެ.

އެފްއޭއެމުން ގައުމީ ޓީމަށް މެނޭޖަރެއް މިހާރު ހަމަޖައްސާފައި ވާއިރު، ރަހުމަތްތެރިކަމުގެ މެޗެއްގައި މާދަމާ ރޭ ގައުމީ ޓީމް ވަނީ ތަޖަކިސްތާނުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅެން ހަމަޖެހިފައެވެ.