ރަސްމީ ގަޑީގައި ސިވިލްސާވަންޓުންނަށް ސިޔާސީ އެއްވުންތަކުގައި ބައިވެރި ނުވެވޭ ގޮތަށް ސިވިލް ސާވިސް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކު ހުށަހެޅުއްވި އެ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 40 މެމްބަރުންގެ ވޯޓުންނެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވައި އެއް މެމްބަރަކު އިންނެވި އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ސިވިލް ސާވިސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައިވާ ގޮތުން ސިޔާސީ ހަރަކާތުގައި ސިވިލްސާވަންޓުންނަށް ބައިވެރިވެވޭނެ އެވެ. ނަމަވެސް މަގާމުގެ ހައިސިއްޔަތުން ލިބޭ ބާރެެއްގެ ބޭނުންކޮށްގެން ސިޔާސީ ހަރަކާތަކަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށާއި ރަސްމީ ގަޑީގައި ސިޔާސީ ހަރަކާތުގައި ބައިވެރިވެގެން ނުވާނެ ކަމަށާއި ސިވިލް ސާވަންޓުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅެގެން ނުވާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

ސިވިލް ސާވަންޓެއްގެ ވަޒީފާގައި ދެމިހުރިހާ ހިނދަކު ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުމުގެ އިތުރަށް އެފަދަ ޕާޓީއެއްގެ މަގާމެއް ފުރުމާއި ޕާޓީއެއް އުފެއްދުމަށް ވެސް ހުށަޙަޅައިގެން ނުވާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

ސިވިލް ސާވިސް ގާނޫނު އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ ހ. ގައި ވަރަށް ސާފުކޮށް އެންމެނަށް ވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭނެ ކަމަށް ބުނެފައި އޮންނައިރު، ސިވިލް ސާވިސްގެ ގާނޫނުން ސިވިލް ސާވަންޓުންގެ އެ ހައްގު ނިގުޅައިގެންފައިވާ ކަމަށެވެ.