25 Mar 2015, 14:50
އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީން ސޮއިކޮށްފައިވާ ކަމަށް ބުނެ ދައުރުވަމުންދާ ލިއުމަކީ އަސްލެއް ނޫން ކަމަށާއި އެހެން ނަމަވެސް އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި އިދިކޮޅު ޕާޓީތަކުން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މަސައްކަތް ކުރާނެ ގޮތުގެ ޗާޓަރެއް އެކުލަވާލައި، ސޮއިކުރަން ތައްޔާރުވެފައިވާ ކަމަށެވެ.
"...އަޅުގަނޑުމެންގެ ތެރޭގައި ފުރަތަމަ ދުވަހުން ފެށިގެން ވާހަކަ ދެކެވިފައި އެބަ އޮތް އަޅުގަނޑުމެންގެ ތެރޭގައި ސޮއިކުރެވިފައި އޮންނަ ޗާޓަރެއް އޮންނަން ޖެހޭނެ ކަމަށް. ޗާޓާ މިހާރު އޮތީ ޑްރާފްޓް ކޮށް ހަމަ ސޮއިކުރެވޭ މަރުހަލާއަށް ގޮސްފައި. އަޅުގަނޑުމެންގެ ފަރާތުން އަދި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އެގްރިމެންޓެއްގައި ސޮއިކުރެވި، އެއްވެސް އެއްޗެއްގައި އަދި މިހާތަނަށް އަދި ވަނީ ސޮއި ނުކުރެވި. ރޭގަ ތިޔަ ލީކްވެގެން ތިޔަ އުޅޭ އެއްޗަކީ އަޅުގަނޑު ދަންނަވާނީ މިހާރު ޕެންޑްރައިވްގެ ފިލޯސޮފީ ދިވެހި ހުރިހާ ރައްޔިތުން ދޮގު ކުރީމާ އަނެއްކާ އޭގެ އެހެން ވާޝަން އެއް ވޯކް ކުރޭތޯ ބަލަނީއޭ،" އިމްރާން ވިދާޅުވިއެވެ.
އޭނާ އަދި ވިދާޅުވީ އެއްބަސްވުމެއްގައި ސޮއިކުރާ ނަމަ އެކަން ކުރާނީ މީޑިއާގެ ކުރިމަތީގައި ވަރަށް ފާޅުގައި ކަމަށެވެ. އަދި މިހާރު ލީކްވެފައިވާ ލިއުމަކީ އިދިކޮޅު ފަރާތްތަކުގެ އަގު ވައްޓާލައި، ފްރޭމް ކުރުމަށް ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
އެއްބަސްވުމުގައި ސޮއިކުރާއިރު އެކަންތައްތައް ހާމަ ކުރައްވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ. ބޭރުގެ ފަރާތްތަކާއި އެކު މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ވޭތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެކަމުގެ ބޭރުގެ ފަރާތްތަކުގެ ވާހަކަ އަންނަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"އެ އެއްބަސްވުމަކީ އަނިޔާވެރިކަމާ ދެކޮޅަށް ދިވެހި ރައްޔިތުން ހިންގާ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކައި އެކުގައި ވާ އެއްބަސްވުމެއް. އެހެންވީމާ ބޭރުގެ ފަރާތްތަކެއްގެ ވާހަކަ އޭގައި އޮންނަން ޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ،" އިމްރާން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ ސަރުކާރު ބަދަލުކުރަން އަދި މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި އެފަދަ މަސައްކަތެއް ކުރަން ވެއްޖެ ނަމަ އެކަން ކުރާނީ ފާޅުގައި ކަމަށް އޭނާ ވެސް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ކުރި މުޒާހަރާ ފުލުހުން ރޫޅާލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އެމްޑީޕީއާއި އަދާލަތު ޕާޓީން ވެސް މިއަދުގެ ބައްދަލުވުމުގައި ތުހުމަތު ކުރިއެވެ.