20 Feb 2011, 12:13
އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު މުހައްމަދު މުސްތަފާ (ތިމަރަފުށީ މުސްތަފާ) ގެ ކުންފުންޏެއް ކަމަށްވާ އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މުސްތަފާ އާއި އޭނާގެ މަންމަގެ ހިއްސާ އޮންނަ އައިލެންޑް ޓްރާންސްޕޯޓްގެ މައްޗަށް ހުކުމް އިއްވަވަމުން ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ނައީމް ވިދާޅުވީ އެ ކުންފުނީގެ ފަރާތުން ދެ އެކްސްކަވޭޓަރު އާރްކޭއެލްއިން ކުއްޔަށް ގެންގޮސްފައިވާ ކަމަށާއި އެ ތަކެތި ކުއްޔަށް ގެންދިޔަ މުއްދަތާއި ހަވާލު ކުރި ތާރީހާ މެދު އެއްވެސް ފަރާތަކުން ހިޔާލު ތަފާތު ނުވާ ކަމަށެވެ. އެކަމަކު ދެ ވަނަ އެކްސްކަވޭޓަރު ގެންގޮސްފައި ވަނީ ފުރަތަމަ އެކްސްކަވޭޓަރުގެ ބޭނުން ނުހިފިގެން ކަމަށް އައިލެންޑް ޓްރާންސްޕޯޓުން ބުނި ނަމަވެސް އެކަން ޝަރީއަތަށް ސާބިތުކޮށްދީފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ އެ ދެ އެކްސްކަވޭޓަރުގެ ކުއްޔަކީ ވެސް ޝަރީއަތަށް ދައްކަންޖެހޭ އެއްޗެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އާރްކޭއެލްއިން ހޯދުމަށް އެދިފައިވާ އިތުރުގަޑީގެ ފައިސާ އާއި ޑްރައިވަރަށް ދޭންޖެހޭ އިތުރުގަޑީގެ ފައިސާއަކީ ވެސް އެގްރިމެންޓުގައިވާ ފަދައިން ދައްކަންޖެހޭނެ ފައިސާ ކަމަށެވެ. ނަމަވެސް ސޮއި ކޮށްފައިވާ ނުވާ ދެ ލިޔުމަކަށް ވެސް ފައިސާ ހޯދުމަށް އާރްކޭއެލްއިން އެދިފައިވާ ކަމަށާއި އެ ފައިސާއަކީ ނަގައިދެވޭނެ އެއްޗެއް ނޫން ކަމަށް ގާޒީ ނައީމް ވިދާޅުވި އެވެ. މީގެ އިތުރުން އައިލެންޑް ޓްރާންސްޕޯޓުގެ އެކްސްކަވޭޓަރެއް މަރާމާތު ކުރުމަށް އާރްކޭއެލްއިން ކޮށްފައިވާ މަސައްކަތުގެ އަގު ވެސް ދައްކަންޖެހޭނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
"...މި ދައުވާއާ ގުޅިގެން އެކު ޖުމްލަ 316،840ރ. އަކީ އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑުން، އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި މި ފައިސާ ދައުވާ ކުރާ އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި މިއަދުން ފެށިގެން މަސް ހަމަކޮށް މަހަކު 52،806ރ. އަށް ވުރެ މަދު ނޫން އަދަދަކަށް ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް ދައުވާ ލިބުނު އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަންގައި ހުކުމްކޮށްފިން،" ގާޒީ ނައީމް ވިދާޅުވި އެވެ.
މި މައްސަލައިގައި މުސްތަފާ ކޯޓަށް ހާޒިރުވުމަށް އެތައް ފަހަރަކު އެންގުމުން ވެސް އޭނާ ކޯޓަށް ހާޒިރުނުވެގެން ގާޒީ ނައީމް ވަނީ މުސްތަފާ އާއި އޭނާގެ މަންމަ ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ގެނެސްފަ އެވެ. އަދި އެ މައްސަލަ މުސްތަފާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ ގާޒީ ނައީމް ހާޒިރުކޮށް ތަހުގީގު ވެސް ހިންގައިފަ އެވެ.
މި މައްސަލައިގެ އިތުރުން އެއް މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ޗެކް ބައުންސް މައްސަލައެއް ވެސް މުސްތަފާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގަ އެވެ. އަދި މުސްތަފާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ބުނެ ކުރީގެ ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު، މުސްތަފާގެ މައްޗަށް ކުރައްވާ ދައުވާއެއް ސުޕްރީމް ކޯޓުގައި ވެސް ކުރިއަށްދެ އެވެ.