ހުޅުމާލޭގައި އަލަށް އިމާރާތް ކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފި އެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު އާއި ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ ހުޅުމާލޭގައި ފުލުހުންގެ ހިދުމަތް ދިން ކަމުގައިވީ ނަމަވެސް ފުލުހުންގެ ހާއްސަ މަރުކަޒެއް ނެތުމުން އެކަމުގެ ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ.

ހަމަ އެހެންމެ ހުޅުމާލޭގައި އެކަށީގެންވާ ވަރަށް އިންސާނީ ވަސީލަތާއި ހިދުމަތްތައް ދިނުމުގައި ބޭނުންވާ ސާމާނު މަދުވުމުގެ ސަބަބުން އެ ދަތިކަން ވެސް ކުރިމަތިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުޅުމާލޭގައި މިއަދު ބިންގާ އެޅިގެން މިދާ ފުލުހުންގެ މަރުކަޒު އިމާރާތް ކުރެވި ހުޅުމާޅޭގައި ހިދުމަތް ފުޅާ ކުރެވިގެންދާ އިރު ހުޅުމާލޭގައި މިހާރު އުފެދެމުންދާ ކުށުގެ ނުރަނގަޅު ވެށި ބަދަލުކޮށް ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށާއި ޒިޔާރަތް ކުރާ ފަރާތްތަކަށް މިހާރަށް ވުރެ ބޮޑަށް ކަށަވަރު ކުރެވިގެން ދާނެ ކަން ޔަގީން،" ނަވީން ވިދާޅުވި އެވެ.

ނަވީން ވިދާޅުވީ ހުޅުމާލޭގައި ފުލުހުންގެ މަރުކަޒެއް ގާއިމުވެގެން ދިއުމާ އެކު ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެ ކަމަށެވެ.