25 Mar 2015, 11:58
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ގަޔަށް އަތްލައި ހަމަނުޖެހުން ހިނގައިފިއެވެ.
ސަން އަށް ލިބިފައިވާ ވީޑިއޯއަކުން ފެންނަ ގޮތުން ގަޔަށް އަތްލުމުގެ ހަމަނުޖެހުން ހިންގަން ފަށާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މަޖިލީހުގެ ރައީސް އިންނަވާ މޭޒުކައިރީ ހުރެ އަޑުގަދަ ކުރެއްވުމަށްފަހު އެނބުރި ތަޅުމަށް ވަޑައިގަތް ވަގުތު މެމްބަރުންތަކެއް އޭނާގެ ކުރިމައްޗަށް އެރި ހިސާބުންނެވެ.
މަހުލޫފް ކުރިމައްޗަށް އަރާފައިވަނީ ނައިފަރު ދާއިރު ދާއިރާ މެމްބަރު އަހުމަދު ޝިޔާމާއި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. އެވަގުތު އިނގިލިން އިޝާރާތް ކޮށް ހޫނު ބަހުސްތަކެއް ހިނގި މަންޒަރު ވީޑިއޯއިން ފެނެއެވެ. އެއާއެކު މަހުލޫފް ވަނީ މެމްބަރު ޝިޔާމުގެ މޭގައި އަތްއަޅުވައި ކޮއްޕާލާފައެވެ.
އެވަގުތު ރިޔާޒު ރަޝީދުވެސް ވަނީ މަހުލޫފް ކޮއްޕާލާފައެވެ. ހަމައެއާއެކު ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް މަހުލޫފާ ދިމާލަށް ދާން އުޅޭ މަންޒަރު ފެނެއެވެ. އޭނާ ހުއްޓުވާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.
މިއަދު މަޖިލީހުގައި ހިނގި ކުރިމަތިލުންތަކުގައި ޕީޕީއެމްގެ ޕާލަމެންޓޫރީ ގުރޫޕުގެ ލީޑަރު އަދި މަހުލޫފުގެ ގާތް އެކުވެރިޔާ ނިހާން ރުޅިވެރިކަމާއެކު މަހުލޫފްއާއި ދިމާލަށް އިނގިލިން އިޝާރާތް ކުރައްވައި ރައްދުދެއްވާ މަންޒަރު ވީޑިއޯއިން ފެނެއެވެ. އެވަގުތު އެތަނުން މަހުލޫފް ގެންދިޔައީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އެމްޑީޕީ މެންބަރުންގެ އިހުތިޖާޖުތަކާ އެކު ކުރިއަށް ގެންދަނިކޮށް ތަޅުން ހޫނުވެ ޖަލްސާ މިހާރު ވަނީ މެދު ކަނޑާލަލާފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ކޯޓު އަމުރެއްގެ ދަށުން ބަންދު ކުރި ދުވަހުން މަޖިލީހުގެ ކޮންމެ ޖަލްސާއެއްގައި އެމްޑީޕީ މެންބަރުން ގެންދަވަނީ މެގަ ފޯނު އަދި ދުންމާރި ފަދަ ތަކެތި ބޭނުންކުރައްވައިގެން އަޑުގަދަ ކުރައްވަމުންނެވެ. އަދި މިއަދުގެ ޖަލްސާގައި ވެސް އެކަން ވަނީ ތަކުރާރުކޮށްފަ އެވެ.