ވިލާ ގްރޫޕުން ތަރައްގީ ކުރަން ނިންމާފައިވާ ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ހޯދުމަށް މީރާ އިން ފޮނުވާފައިވާ ނޯޓިސް ބާތިލުކޮށް ދިނުމަށް އެދި ވިލާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެށި މައްސަލާގެ ފުރަތަމަ އަޑުއެހުން އާދިއްތަ ދުވަހުގެ ރެއަށް ތާވަލުކޮށްފި އެވެ.

ވިލާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ތާވަލުކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ރޭ 8:15 އަށެވެ.

ވިލާ އިން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ 100 މިލިއަން ޑޮލަރު ވިލާ އިން ދައުލަތަށް ދައްކަން ޖެހޭ ކަމަށް ބުނެ މީރާ އިން ފޮނުވާފައިވާ ނޯޓިސް ބާތިލުކޮށް އެ ފައިސާ އަކީ ދައްކަން ނުޖެހޭ ފައިސާގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ.

ސަތޭކަ މިލިއަން ޑޮލަރު ދެއްކުމަށް މީރާ އިން ވިލާ އަށް ނޯޓިސް ފޮނުވުމާ ގުޅިގެން ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެފައި ވަނީ "ވިލާ ގްރޫޕުން މިރާއަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ" ކަމަށެވެ.

ސަރުކާރުން ރިސޯޓު ހެދުމަށް އަމިއްލަ ބައެއް ފަރާތްތަކަށް ދޫކޮށްފައިވާ ރަށްރަށުގެ އަމަލީ މަސައްކަތް ފަށާފައި ނުވާތީ ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ އަދަދު 157 މިލިއަން ޑޮލަރު ދައުލަތަށް ލިބެން ޖެހޭ ކަމަށް ޓޫއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ ވިދާޅުވެފަ އެވެ.

ގާސިމްގެ ވިލާ ގްރޫޕުން ފައިސާގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު ދައްކަން ޖެހޭ ފައިސާއާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އަދީބާއި ބައްދަލުކުރައްވައި ގާސިމް ވަނީ މީގެ ކުރިން ވާހަކަފުޅު ދައްކަވާފަ އެވެ.