ގދ. ތިނަދޫގެ ބަނދަރު ޕްރޮޖެކްޓްގެ އެއްބަސްވުމާ ހިލާފަށް ކޮންޓްރެކްޓަރު މަސައްކަތް ކުރަމުންދަނިކޮށް، ރައްޔިތުން ނުކުމެ އެކަން ފަޅާއަރުވާލައި މަސައްކަތް ހުއްޓުވާލުމުން، އެއްބަސްވުމާ ހިލާފަށްކޮށްފައިވާ މަސައްކަތްތައް ކޮންޓްރެކްޓަރު އަމިއްލަ ހަރަދުގައި ރަނގަޅުކޮށް އަލުން މަސައްކަތް ފަށައިފި އެވެ.

ތިނަދޫ ބަނދަރު ޕްރޮޖެކްޓްގެ ދަށުން އެ ރަށުގައި ކުރިން ލާފައިވާ ޖެޓީ އަށް 680 ފޫޓްގެ ޖެޓީއެއް އިތުރު ކުރުމާއި ނެރު ފުޅާކޮށް، ނެރު ފުން ކުރުގެ އިތުރުން ފަޅުތެރޭގައި ތިލަކޮށް ހުރި ތަންތަން ފުންކުރުމުގެ މަސައްކަތް ބަނދަރު ހެދުމުގެ އެއްބާސްވުމާ ހިލާފަށް ކޮންޓްރެކްޓަރު ކުރަމުންދާ ކަމަށް ބުނެ، ރައްޔިތުން ނުކުމެ އެ މަސައްކަތް ހުއްޓުވާފައި ވަނީ މިދިޔަ ހަފްތާގަ އެވެ.

ތިނަދު ބަނދަރުގެ މެއިން ކޮންޓްރެކްޓަރެއްގެ ގޮތުން އަމީން ކޮންސްޓްރަކްޝަން ހަވާލުވެފައިވާ އިރު، ސަބް ކޮންޓްރެކްޓަރެއްގެ ދަށުން މަސައްކަތް ކުރަމުންދާ ސްރީލަންކާގެ އޭކޭޑީއޭ ގްރޫޕުން ނެވެ.

ތިނަދޫން ވާހަކަ ދެއްކި މީހަކު ބުނީ ކޮންޓްރެކްޓަރު މަސައްކަތްކޮށްފައި ވަނީ ވަރަށް ފަރުވާ ކުޑަކޮށް ކަމަށާއި ބަނދަރުގެ މަސައްކަތް ނިންމާފައި ދިއުމުގެ ކުރިން ހައުސިން މިނިސްޓްރީގެ ސަމާލު ކަމަށް އެކަން ގެނެސްފައިވާ ނެ ކަމަށެވެ.

"މަސައްކަތް ނިންމާލައި ފުރަން އެއްޗެހިތައް ވެސް އެ މީހުން ރެޑީ ކުރި. ނަމަވެސް ފަރުވާކުޑަކުރި މަސައްކަތްތައް އަޅުގަނޑުމެން ވާނީ ސަމާލުކަމަށް ގެނެސްފައި. ބަނދަރުގެ ޖެޓީ އާއި އެހެނިހެން ތަންތަނުގެ މަސައްކަތް ކޮށްފައިވާ ގޮތް ކަޑިންމައަށް ފީނައިގެން ފޮޓޯ ނަގައި، ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެ."

ތިނަދޫ ރަށު އޮފީހުން ބުނީ މިދިޔަ ހަފްތާގައި ހައުސިން މިނިސްޓްރީގެ އޮފިޝަލުންތަކެއް އެ ރަށަށް ގޮސް ބަނދަރުގެ މަސައްކަތް ކުރި ކޮންޓްރެކްޓަރާއި ރައްޔިތުންނާ އެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ތިނަދޫ ބަދަރުގެ އެއްބަސްވުމާ ހިލާފަށް ފަރުވާކުޑަކޮށް ކޮށްފައިވާ މަސައްކަތްތައް ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި އަލުން ކުރަން އެއްބަސްވެފައިވާ ކަމަށް ރަށު އޮފީހުން ބުންޏެވެ.

ބަނދަރުގެ މަސައްކަތް ނިންމާލުމުގެ މަގުމަތީގައި ވަނިކޮށް، ރައްޔިތުން ފެންމެތި ކުރި މައްސަލަތަކާ އެކު އަލުން ބަދަރުގެ މަސައްކަތް ވަނީ ދިގުލައިގެން ގޮސްފަ އެވެ. އަދި އެ މަސައްކަތް ނިމޭނެ ވަކި ތާރީހެއް ކޮންޓްރެކްޓަރު ބުނެފައެއް ނުވެ އެވެ.