25 Mar 2015, 11:34
އަންކަރާ (މާޗް 25) : ތުރުކީގެ ވަށައިގެންވާ ގައުމުތަކުގެ ހާލަތާ އަދި ތުރުކީގެ ވަށައިގެން ހިނގަމުންދާ ކަންތައްތަކަށް ބަލާއިރު ރޮކެޓް ޓެކްނޮލޮޖީއާއި ފަޒާގެ ޓެކްނޮލޮޖީ ތަރައްގީ ކުރަން ތުރުކީވިލާތަށް މަޖުބޫރުވެފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު އަހްމަދު ދާވޫދު އޮގްލޯ ވިދާޅުވެއްޖެއެވެ.
ތުރުކީގެ އަސްކަރީ ތަމްރީންތަކާބެހޭ މަރުކަޒެއް އިފްތިތާޙް ކުރުމަށް އެގައުމުގެ ގުވީނާ ސްޓޭޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އަޙްމަދު ދާވޫދު ވިދާޅުވީ ތުރުކީގައި މިހާރު ވެރިކަންކުރާ އިސްލާމީ ފިކުރުގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ 2002 ވަނަ އަހަރު ވެރިކަމާ ހަވާލުވިއިރު ތުރުކީއަކީ އެގައުމަށް ބޭނުންވާ ބަރު ހަތިޔާރާއި އަސްކަރީ ޓެކްނޮލޮޖީގެ 80 އިންސައްތަ ބޭރުން އިންޕޯޓްކުރަމުން ދިޔަ ގައުމެއް ކަމަށާ ނަމަވެސް އޭގެ ބާރައަހަރު ފަހުން އެޙާލަތު މުޅިން ބަދަލުވެފައިވާ ކަމުގައެވެ.
މިގޮތުން ހަތިޔާރު އުފެއްދުމާއި އަސްކަރީ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގައި ފާއިތުވި ބާރަ އަހަރު ތެރޭގައި ތުރުކީން ބޮޑެތި ކާމިޔާބީ ތަކެއް ހޯދާފައިވާ ކަމަށް އޮގްލޯ ވިދާޅުވިއެވެ. މިދިޔަ އަހަރު ތުރުކީން އަމިއްލައަށް އުފެއްދި ހަތިޔާރާއި އަސްކަރީ ޓެކްނޮލޮޖީގެ އާލާތްތަކުގެ އަގު 5 ބިލިޔަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ޒައާމަތުގައި ތުރުކީ ހޭދަކުރި ބާރަވަރަކަށް އަހަރު ތެރޭގައި އަސްކަރީ ޓެކްނޮލޮޖީއާއި ފަޒާގެ ޓެކްނޮލޮޖީ ތަރައްގީކޮށް ނިއުކްލިޔަރ ޓެކްނޮލޮޖީއާ ދިމާއަށް ތުރުކީ މިސްރާބު ޖަހާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތުން ތުރުކީއަށް ބޭނުންވާ މިސައިލާއި ޓޭންކް ފަދަ ބަރުހަތިޔާރުތަކުގެ ދެބައިކުޅަ އެއްބައި މިހާރު އުފައްދަނީ އަމިއްލަ ޓެކްނޮލޮޖީގައި ކަމަށް ވެއެވެ.
އަދި އަސްކަރީ ސިނާޢަތު ތަރައްގީ ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ތުރުކީގެ ގައުމީ އުފެއްދުންތެރިކަމުގެ މިންވަރު ވަރަށް ބޮޑަށް މައްޗަށްގޮސް އަސްކަރީ ޚަރަދުތައް ކުޑަކުރެވި ދިފާއީ ކަންކަމުގައި އަމިއްލަ ނަފްސަށް ބަރޯސާވުން އިތުވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންވެސް ވަނީ އޭނާގެ ޕާޓީ ކަމަށްވާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ ތުރުކީވިލާތުގެ ވެރިކަމާ ޙަވާލުވުމަށްފަހު އެގައުމު މިސްރާބު ޖަހާފައިވަނީ ސިނާޢީ ދައުލަތަކަށް ވުމަށް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އުރުދުޣާން ވިދާޅުވީ އަސްކަރީ އަދި ދިފާޢީ ކަންކަމަށްބޭނުންވާ މައިގަނޑު ހަތިޔާރުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީގައި އަމިއްލައަށް އުފެއްދުމަށް ތުރުކީން ވަރަށް އުންމީދީ ޕްރޮގްރާމެއް ކުރިޔަށް ގެންދާ ކަމުގައެވެ. ޖަސްޓިސް ޕާޓީގެ ވެރިކަމުގައި ތުރުކީ ސަރުކާރުން ގެންދަނީ އަސްކަރީ ފައިޓަރޖެޓާއި އަސްކަރީ ހެލިކޮޕްޓަރާއި ޓޭންކުގެ އިތުރުން އަސްކަރީ މަނަވަރުތަކާއި ޖާސޫސުކުރާ ޑްރޯން މަތިންދާބޯޓާއި އެކިބާވަތުގެ ރޮކެޓާއި މިސައިލްވެސް އުފެއްދުމުގެ ބިޔަ މަޝްރޫޢުތަކެއް ތަންފީޒު ކުރަމުންނެވެ.
ތުރުކީގެ އަވަށްޓެރި ދެގައުމު ކަމަށްވާ ސޫރިޔާއާއި އިރާގުގައި ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައެއް ކުރިޔަށްދާއިރު އެގައުމުގެ އަވަށްޓެރި އީރާން ވަނީ ހަތިޔާރުގެ ސިނާއަތާއި މިސައިލް ޓެކްނޮލޮޖީއާއި ފަޒާގެ ޓެކްނޮލޮޖީގައި ވަރަށް ބޮޑަށް ކުރިޔަށް ގޮސްފައެވެ.
މީގެއިތުރުން އީރާނުން ނިއުކްލިޔަރ ޓެކްނޮލޮޖީވެސް ތަރައްގީ ކޮށްފައިވާތީ އީރާނުގެ ބާރާއި ނުފޫޒު ވަނީ ސަރަހައްދީ ފެންވަރުގައި ވަރަށް ބޮޑަށް ފެތުރިގެން ގޮސްފައެވެ. (އަލްޖަޒީރާ)