ވޮޝިންޓަން (މާޗް 25) : ނުރައްކާތެރި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތުގެ އަތްދަށުގައިވާ އިރާގުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ތިކްރީތު މިނިވަން ކުރުމަށް އިރާގު ސިފައިން ކުރަމުންގެންދާ ހަނގުރާމައަށް އެހީތެރިވާން ތައްޔާރަށް އޮތްކަމަށް އެމެރިކާ ބުނެފި އެވެ.

ޕެންޓަގަންގެ ތަރްޖަމާން ކާނަލް ސްޓީވް ވަރެން ވިދާޅުވީ ތިކްރީތު މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގާ އިރާގުން އެދޭ ކޮންމެ އެހީތެރިކަމެއް އެމެރިކާ ފޯރުކޮށްދޭނެ ކަމަށާ ނަމަވެސް މިހާތަނަށް އިރާގުން އެހީއަކަށް އެދިފައިނުވާ ކަމުގައެވެ. ތިކްރީތު މިނިވަން ކުރުމަށް އިރާގު ސިފައިން ފަށާފައިވާ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލާފައިވަނީ އައިއެސްގެ ހަނގުރާމަވެރިންގެ ރައްދު ޙަމަލާތައް އާދަޔާ ޚިލާފަށް ވަރުގަދަވުމާއެކު އިތުރު ހަތިޔާރާއި ޖާސޫސީ މަޢްލޫމާތު ޖަމާކުރުމަށް ވަގުތު ބޭނުންވާތީ ކަމަށް އިރާގު ސަރުކާރުން ބުނެފައިވެ އެވެ.

އައިއެސްގެ ހަނގުރާމަވެރިން ބޭނުންކުރަނީ އެމެރިކާގައި އުފައްދާފައިވާ ޒަމާނީ ހަތިޔާރުކަމަށްވާތީ އައިއެސް އަށް ނުސީދާ ގޮތެއްގައި ހަތިޔާރު ފޯރުކޮށްދޭ ކަމުގެ ތުހުމަތާއި އައިއެސްއާ ހަނގުރާމަ ކުރުމުގައި ޑަބަލް ރޯލު ކުޅޭ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރެވިފައިވެ އެވެ. ތިކްރީތުގެ ހަނގުރާމަ ކާމިޔާބު ކުރުމަށް ޓަކައި އެމެރިކާގެ ވައިގެ ޙަމަލާތައް އިރާގު ސިފައިންނަށް ވަރަށް ބޮޑަށް ބޭނުންވާނެކަމަށް އަސްކަރީ ތަޖްރިބާކާރުން ބުނެއެވެ. (އަލްޖަޒީރާ)